19 Mar 2015, 17:55
އަންނަ މަހު އަމަލު ކުރަން ފަށާ އާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހަތް އަހަރު ދުވަހުގެ މަސައްކަތަށްފަހު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅީ ޤާނޫނީ ހުސްކަންތައްތަކާއި މާނަކުރުމުގައި އުފެދޭ ޚިލާފުތައް ހައްލު ކުރުމަށްޓަކަ އެވެ.
ރައީސް އޮފީހުން ބުނީ އެ ގާނޫނަށް ޢަމަލު ކުރުމަށް ތައްޔާރީތައްވުމަށް ދިރާސާއެއްކޮށްފައިވާ ކަމަށެވެ. އެ ދިރާސާއިން އެ ޤާނޫނުން ފާހަގަކުރެވިފައިވާ ޤާނޫނީ ހުސްކަންތައްތަކާއި މާނަކުރުމުގައި އުފެދޭ ޚިލާފުތަކާއި މާއްދާތަކުގެ ތަރުތީބުގެ ކުށްތަކާއި، ޢަމަލުކުރުމުގައި ކުރިމަތިވެދާނެ ބޮޑެތި ބޭއިންޞާފުތަކާއި އޮޅުންއަރާފައިވާ ޢިބާރާތްތަކާއި ޖުމްލަތައް އަލުން މުރާޖަޢާކޮށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަނީ 1961 ވަނަ އަހަރު ރައީސް އިބްރާހިން ނާސިރުގެ ވެރިކަމުގައި އެކުލަވާލި ގާނޫނުލް އުގޫބާތަކަށެވެ.