19 Mar 2015, 17:15
މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ އާއި ތަޖަކިސްތާން ބައްދަލުކުރާ ރަހުމަތްތެރިކަމުގެ މެޗުގައި ކުޅޭ ރާއްޖޭގެ ގައުމީ ޓީމްގެ ސްކޮޑު އެފްއޭއެމުން އިއުލާންކޮށްފި އެވެ. މި އަހަރު ރާއްޖެ ކުޅޭ ފުރަތަމަ ބައިނަލްއަގްވާމީ މެޗުގައި، ރާއްޖޭގެ ޓީމުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 10 ކުޅުންތެރިންނާއި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ހަތް ކުޅުންތެރިންގެ އިތުރުން ކްލަބް އީގަލްސްގެ ފަސް ކުޅުންތެރިންނެވެ. މާޒިޔާ އިން މިފަހަރު ގައުމީ ޓީމަށް ހޮވިފައިވާ ކުޅުންތެރިންނަކީ ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު އާއި ފަރުހާދު އިސްމާއިލް، އަމްދާން އަލީ، ސަމްދޫހު މުހައްމަދު، މޫސާ ޔާމީން، ކެޕްޓަން އަސަދުﷲ އަބްދުﷲ، ހުސެއިން ނިޔާޒް މުހައްމަދު، އަހުމަދު އިމާޒް، އަހުމަދު ނާޝިދު އަދި މުހައްމަދު އުމެއިރު އެވެ. ނިއުރޭޑިއެންޓުން ގައުމީ ސްކޮޑަށް ނަގާފައިވާ ކުޅުންތެރިންނަކީ މުހައްމަދު ޝިފާން އާއި ޝާފިއު އަހުމަދު، އަހުމަދު އަބްދުﷲ، ރިލްވާން ވަހީދު، އަކްރަމް އަބްދުލްޣަނީ، އަހުމަދު ނިޔާޒް އަދި އައްސަދު އަލީ އެވެ. އަދި އީގަލްސްއިން ހިމެނިފައިވާ ކުޅުންތެރިންނަކީ މުހައްމަދު ފައިސަލް އާއި އިސްމާއިލް އީސާ، ހަސަން އަދުހަމް، އަހުމަދު ނޫމާން އަދި ކީޕަރު އިބްރާހިމް އިފްރާހު އަރީފް އެވެ. މާޒިޔާ، ނިއު އަދި އީގަލްސް ކުޅުންތެރިންގެ އިތުރުން ދެން ޓީމްގައި ހިމެނެނީ 2009 ވަނަ އަހަރުން ފަށައިން ގައުމީ ޓީމްގެ ކެޕްޓަންކަން ކުރަމުން އަންނަ މެލޭޝިއާގެ ޕީޑީއާރްއެމްގެ އަލީ އަޝްފާގް އާއި މިޔަންމާގެ ޓީމް ކަންބައުޒާއަށް ކުޅެމުން އަންނަ މުހައްމަދު އާރިފް (ބަކާ) އެވެ. އެ ދެ ކުޅުންތެރިން ގައުމީ ޓީމާ ގުޅެން މިހާރު ވަނީ މާލެ ރާއްޖެ އައިސްފަ އެވެ. މެޗަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ތަމްރީނުތައް މިރޭ ގަލޮޅު ދަނޑުގައި ކޯޗް ވެލިޒާ ޕޮޕޯވްގެ އިރުޝާދުގެ ދަށުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ޖެނުއަރީ 22ގައި ގައުމީ ޓީމާއި ރަސްމީކޮށް ހަވާލުވި ކޯޗް ޕޮޕޯވް ވަނީ މެޗުގައި ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަނުމަށް ރާއްޖޭގެ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ. "އުންމީދު ކުރަނީ ސްޓޭޑިއަމް ސަޕޯޓަރުންނައިގެން ފުރާ އޮންނަ ތަން ފެންނާނެ ކަމަށް. އޭއެފްސީ ކަޕްގައި އެންމެ ފަހުން މާޒިޔާ އާއި ނިއު ތަޖުރިބާކުރި ނާކާމިޔާބީ އާއެކު، ގައުމީ ޓީމްގެ ކުޅުންތެރިންނަށް ސަޕޯޓަރުންގެ ސަޕޯޓް ވަކިން ހާއްސަކޮށް ވަރަށް ބޭނުންވާނެ. ވަރުގަދަ ޓީމަކަށް ވެވޭނީ އެންމެން އެކީ،" ޕޮޕޯވް އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ ބުނެފައެވެ.