19 Mar 2015, 17:13
ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޓްރެވަލް ޕާޓްނަރަކަށް ރާއްޖޭގެ ގައުމީ އެއަލައިން މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައި، އެ ދެ ފަރާތުގެ މެދުގައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެންވޭރު ބޯޅަ ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވިއަންގެ ހެޑް އޮފް ފްލައިޓް އޮޕެރޭޝަންސް ކެޕްޓަން މުހައްމަދު އަމީން އެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ތޮލާލް ވަނީ މޯލްޑިވިއަން އާއި އެތުލެޓިކްސް އެސޯސިއޭޝަނާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ދުވަސްވީ ގާތް ގުޅުމެއްކަން ފާހަގަކޮށް، އެ އެއްބަސްވުމުގެ ސަބަބުން އެތުލެޓިކްސް އެސޯސިއޭޝަނުން މި އަހަރު ހިންގަން ރާވާފައިވާ ކަންކަމަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް ވިދާޅުވެފަ އެވެ.
ތޮލާލްގެ އިތުރުން އެ ރަސް،މިއްޔާތުގައި ވާހަކަ ދައްކަމުން އަމީން ވިދާޅުވީ އެ އެއްބަސްވުމަކީ ކޮމާޝަލް ފައިދާއަށް ބަލައި މޯލްޑިވިއަންއިން ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި އެ ކުންފުނީގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ކުޅިވަރުތައް ވީހާ ވެސް ބޮޑަށް ކުރިއެރުވުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އެތުލެޓިކްސް އެސޯސިއޭޝަންގެ ބައިނަލްއަގްވާމީ ދަތުރުތަކުގެ ޓިކެޓްތަކަށް މޯލްޑިވިއަނުން ވަނީ ހާއްސަ ޑިސްކައުންޓެއް ހަމަޖައްސައިފަ އެވެ. އަދި ގިނަ އަދަދެއްގެ ޑޮމެސްޓިކް ފްލައިޓްތަކުގެ ޓިކެޓްތައް ހިލޭ ދޭން ހަމަޖެހިފައިވާ އިރު، އެތުލެތިޓިކްސް އެސޯސިއޭޝަނުން ބާއްވާ ހަރަކާތްތަކުގައި މޯލްޑިވިއަންގެ ނަން ސްޕޮންސަރެއްގެ ގޮތުގައި ބޭނުންކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޓްރެވަލް ޕާޓްނަރަކަށް ވެސް މި ހަފްތާތެރޭ މޯލްޑިވިއަން ވަނީ ހަމަޖައްސާފަ އެވެ.