19 Mar 2015, 17:08
އދ. ދަނގެތީ ފަޅުގެއެއްގައި ހަދާފައި ހުރި ގުދަނެއްގައި ރޯވެ މުޅި ގެ އަނދައި ހުލިވެއްޖެ އެވެ.
ދަނގެތީ ކައުންސިލްގެ ރައީސް އަބުދުލް ހަންނާން މިއަދު ސަން އަށް ވިދާޅުވީ އެގޭގައި އަލިފާން ރޯވެފައި ހުއްޓައި ފެނުނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ. އަދި ރައްޔިތުންނާއި އެ ރަށުގައި ތިބޭ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައި ވަނީ ގަޑިއެއްގެ އިރު ފަހުން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި އޭރު އެގޭގައި ގުދަނުގައި ހުރި ހުރިހާ އެއްޗެއް އަނދައި ހުލިވެފައިވާ ކަމަށް ވެސް ހަންނާނު ވިދާޅުވި އެވެ.
"ގުދަނުގައި ހުންނާނީ ގެސްޓު ހައުސްއަކަށް ގެނެސް ހުރި އެއްޗެހި. އޭގެ ތެރޭ ގޮދަޑި އާއި ގޮނޑި ކަހަލަ ބައިވަރު އެއްޗެއްހި އެތާ (ގުދަނުގެ) ތެރޭ ހުންނާނެ،" ދަނގެތީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލިފާން ރޯވި ފަޅުގެ ހުރި ހިސާބު ވަށައިގެން މީހުން ދިރިއުޅޭ ގެތައް ހުރި ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ގެއަކަށް އަލިފާނުގެ އަސަރު ނުކުރާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވީ އަލިފާން ރޯވި ގެއަކީ ކަރަންޓް ވައިރު ކޮށްފައި ހުރި ގެއެއް ކަމަށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވީ ކަރަންޓް ޝޯޓަކުން ކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަންނާނު ވިދާޅުވީ އެގެއަކީ މިހާރު ވަރަށް ބޮޑަށް ބާވެފައި ހުރި ގެއެއް ކަމަށެވެ.