19 Mar 2015, 16:52
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާގެ އަޑުއެހުންތައް ސުޕުރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ސަރުކާރުން ކުރިއައް ގެންގޮސްފައިވާ ހަތަރު މަޝްރޫއެއް ކާމިޔާބުކުރުމަށް މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތުގައި ދައުލަތުން ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދެ ފަރާތަށް ވެސް ފަހުބަސް ބުނުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މިއަދުގެ ޝަރީއަތުގައި ނާޒިމްގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސީދާ ނާޒިމް ހިޔާނާތްތެރި ވެފައިވާ ކަން ނުވަތަ ނާޒިމް ހިޔާނާތުގެ އަމަލެއް ކުރުމަށް މީހެއްގެ ކައިރީ ބުނިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން ކުރިން ހައި ކޯޓުންނާއި ދަށު ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ނާޒިމްގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމަވައި ދެއްވުމަށް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ.
ނާޒިމްގެ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ނިންމާލަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ބޭނުންވާ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.