19 Mar 2015, 16:30
* ލ. ފޮނަދޫއިން މަރިޔަމް ރާނިޔާ
މިސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމުގައި ދިވެހިރާއްޖެ ކުރިހޯދާފައިވާ ކަމަށް ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޝޯކޯ ނޯޑާ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތު ފާހަކުރުމަށް މިއަދު ފޮނަދޫގެ ތައުލީމީ މަރުކަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ، އަންހެނުންގެ ހައްގުތަކަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޔޫއެންޑީޕީން ބަލާ ހިއުމަން ޑެވެލޮޕްމަންޓް ރޭކިން އަށް ބަލާއިރު ވެސް ޖިންސުގެ ހަަމަހަމަކަން ގާއިމްކުރުމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 49 ވަނަ ގައި ކަަމަށް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ އަލީ ވާފިރު
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާއާ އަޅައިބަލާއިރު ވެސް ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތް މާ ބޮޑަށް ވެސް ރަނގަޅު ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ވެސް ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.
ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހާލާ ހަމީދު ވިދާޅުވީ ލ. އަތޮޅުގައި މިއަދު މި ފެށޭ މި ޕްރޮގްރާމަކީ އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެއް ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގެ ތެރޭގައި ހޭލުންތެރިކުރުމުގެ މައުލޫމާތު ދިނުމާއި ބެހޭ ސްޓޯލްތަކާއި ހޮޅުއަށި ޕްރޮގްރާމް އާއި ހެލްތް ކޭންޕް އަދި ސްޕޯޓްސް ކޭމްޕް ހިމެނެ އެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫ ގަ އާއި ލ. ގަމުގަ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ އަލީ ވާފިރު
މިއަދުގެ އެ ޖަލްސާގައި "ހެލްތް ސެކްޓާ ރެސްޕޯންސް ޓު ޖެންޑާ ބޭސްޑް ވަޔަލަންސް" ނޭޝަނަލް ގައިޑް ލައިންއަކާއި ސްޕޯޓްސް ކޭމްޕެއް ވަނީ ލޯންޗްކޮށްފަ އެވެ.
ތަފާތު ދާއިރާތަކުން އަންހެނުންގެ ތަރައްގީއަށް ހުރި ފުރުސަތުތަކާއި ބެެހޭ ގޮތުންނާއި ޖެންޑާ މިނިސްޓްރީގެ އެކިއެކި ޑިވިޝަންތަކުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުތައް މި ސްޓޯލްތަކުގައި ކުރިއަށްދާނެ އެވެ. އެގޮތުން އަންހެނުންގެ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ މި ސްޓޯލްތަކުގައި ކުރިއަށްދާނެ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ އަލީ ވާފިރު
މިއަދުގެ އެ ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި މަޖިލިސްގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ކުރަންޖެހޭހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށްވިދާޅުވި އެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "އަންހެނުން ބާރުވެރިކުރުވުނ،ް އިންސާނިއްޔަތުކަން ދެމެހެއްޓުން ސިފަކުރައްވާ" އެެވެ.