19 Mar 2015, 16:17
ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމު، އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ނެތިދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވެއްޖެ ކަަމށް ބުނެ އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވުމާ ގުޅިގެން، އަދާލަތު ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި އެމްޑީޕީއާއި އަދާލަތު ޕާޓީން ހަރަކާތްތަކެއް ބޭއްވުމަށް ނިންމުމާ ގުޅިގެން ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މާޒީއަށް ޖެހިލާއިރު އެ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ މެދުގައި ވެސް ޚިޔާލުތަފާތުވެ ޕާޓީން ވަކިވެފައިވާ ކަމަށެވެ.
"އާދެ އަދާލަތު ޕާޓީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ހުންނަންޖެހޭ. އަދާލަތު ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އެބަހުރި. އެކަމަކު އަދާލަތު ޕާޓީގެ ތެރެއިން މިހާ ހިސާބަށް ވަޑައިގެންނެވި ބޭފުޅުން އަދި އެހެން ޕާޓީއެއް ނުހައްދަވާތީ އަޅުގަނޑު ވަރަށް އުފާކުރަން،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ ގުޅިގެން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މަސައްކަތް ކުރި އިރު ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިމްރާން ވިދާޅުވީ "އަޅުގަނޑުގެ އުސޫލުތައް ފައިސާއަކަށް ވިއްކައެއް ނުލާނެ" ކަމަށެވެ.
"އަޅުގަނޑުގެ ޕްރިންސިޕަލްއެއް އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ފައިސާއަކަށް ވިއްކައެއް ނުލާނެ. މާތްﷲ އިރާދަކުރެއްވިއްޔާ އެފަދަ ދުވަހެއް އަޅުގަނޑަށް ނުދައްކަވާށި. ފައިސާގެ ޑީލްތައް ހަދާނެ ދުވަސްތައް އަޅުގަނޑުގެ ކުރިމަތިން ފާއިތުވެގެން ގޮސްފި. ފައިސާގެ ޑީލަކަށް ދޫކޮށްލާނެ ނަމަ ޕްރެޝަރަކަށް ދޫކޮށްލާނެ ނަމަ ބިރަކަށް ދޫކޮށްލާނެ ނަމަ އެދުވަސް އަޅުގަނޑުގެ ކުރިމަތިން ފާއިތުވެ ވަނީ ގޮސް އަޅުގަނޑުމެން ނުކުތް މަގުސަދު އަޅުގަނޑުމެން ވަނީ ހާސިލްކޮށްފައި. އެއީ ޖީއެމްއާރާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތް. އެ ދުވަހު އަޅުގަނޑު ހުށަހެޅި ނަމަ ނުވަތަ އަޅުގަނޑު ބޭނުންވި ނަމަ ދިހަ މިލިއަން ޑޮލަރު އަޅުގަނޑަށް ދޭކަށް އެބޭފުޅުންނަށް {ޖީއެމްއާރު} އެކަށްޗަކަށް ވެސް ނުވީސް،" އިމްރާން ވިދާޅުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތެރޭގައި އެންމެ ގިނަ ފައިސާ ދެއްވާނެ ކަމަށް ބުނީ ޕީޕީއެމް އިން ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންނަމަވެސް އަދާލަތުން ޖޭޕީއާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދީ ފައިސާގެ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ކުރަންޖެހޭ ބައެއް ހަރަދުތައް ކުރުމަށް ޖޭޕީން ފައިސާ ދިންކަމަށް އޭނާ ވިދާޅުވި އެވެ.
"އާދެ މިއަދު އަޅުގަނޑު މި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން ޕީޕީއެމްގެ ފަރާތުން ވަޑައިގެންނެވި ބޭފުޅަކު އަޅުގަނޑަށް ފައިސާ ހުށަހެޅުއްވި. ފައިސާގެ ކުރިމަތީގައި ކުޑަކޮށް މަޑުކޮށްލުމަށް އަޅުގަނޑަށް ދެންނެވި. އެހެންނަމަވެސް އަޅުގަނޑު މިހުރީ އަޅުގަނޑުގެ ޕްރިންސިޕަލްގައި. އަޅުގަނޑު މިހުރީ ސާބިތު ކަމާއިއެކު." އިމްރާން ވިދާޅުވި އެވެ.