މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ އާބާދިގެ 100 އިންސައްތައަށް ތްރީޖީ ނެޓްވޯކްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިތުރު 21 ރަށަކަށް އެހިދުމަތް ތައާރަފްކޮށްފި އެވެ.

އެ މަޝްރޫއުގެ ދަށުން އެހިދުމަތް ތައާރަފްކޮށްފައިވަނީ އއ.ތޮއްޑު އާއި އދ. ހިމަންދޫ އާއި އެއަތޮޅު ދިގުރަށާއި ބ.ގޮއިދޫ އާއި އެއަތޮޅު ހިތަދޫގެ އިތުރުން ދ. މާއެނބޫދޫ އާއި އެއަތޮޅު ހުޅުދެއްޔާއި ފ. ބިލެއްދޫއާއި ހއ. ވަށަފަރާއި ހދ. ފިނޭ އާއި އެއަތޮޅު ނޭކުރެންދުއާއި ކ.ދިއްފުއްޓާއި މ. ރަތްމަންދޫއާއި އެއަތޮޅު ދިއްގަރާއި ރ. މާކުރަތުގެ އިތުރުން ށ. ބިލެއްފައްސާއި ށ. ނަރުދޫ އާއި ތ. ކަނޑޫދުއާއި އެއަތޮޅު ބުރުނިއާއި ވ. ރަކީދޫ އާއި ވ. ފުލިދޫ އަށެވެ.

ދިރާގުގެ ޑިރެކްޓަރު މުހައްމަދު މުއްސަދު ވިދާޅުވީ އެކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭ މަސައްކަތަކީ މީހުން ދިރިއުޅޭ ރަށްރަށަށް ތްރީޖީގެ ހިދުމަތް ދިނުން ކަމަށެވެ. މިއަހަރުގެ މިހާތަނަށް 21 ރަށަކަށް އެހިދުމަތް ތައާރަފްކޮށްފައިވާއިރު 25 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމާގުޅޭގޮތުން މީގެ ކުރިން އެކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް މަޝްރޫއުތަކެއް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި، އެ މަޝްރޫގެ ފުރަތަމަ މަރުހަލާއަކަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 1200 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލެއް މިހާރު އަޅާ ނިންމާފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ 186 ރަށަކަށް ތްރީޖީ ނެޓްވޯކް ފޯރުކޮށްދީފައިވާ ކަމަށާއި މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއް އެ ޕްރޮޖެކްޓްގެ ދަށުން ކަވަރުކުރެވޭނެ ކަމަށެވެ. އަދި ދާދިފަހުން ފަށާފައިވާ ފޯޖީގެ ހިދުމަތްވެސް އިތުރު ރަށްތަކަކަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.