ގަސްދުގައި މީހަކު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ތަހުގީގަށް ބޭނުންވާ ލިޔުމެއް ދިނުމަށް ފުލުހުން އެދިފައިވާތާ ހަ މަސް ވެފައިވާ އިރު ވެސް އެ ލިޔުން ދީފައި ނުވަނީ ކީއްވެގެންތޯ ސާފުކުރުމަށް ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިމިނަތު ޖަމީލް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އަދި އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.

އޯގަސްޓް 10، 2010 ގައި ފުލުހުން ހެލްތު މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި އެދިފައި ވަނީ މ. ބިއުޓީފްލާވާސް، މުހައްމަދު ހުސެއިންގެ މަރުގެ ރިޕޯޓާއި އޭނާ މަރުވި މާރާމާރީގައި އަނިޔާވި ތިން މީހެއްގެ މެޑިކޯ ލީގަލް ރިޕޯޓް ފޮނުވުމަށެވެ. ނަމަވެސް ހެލްތު މިނިސްޓްރީން މިއަދާ ހަމައަށް ވެސް އެ ސިޓީއަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

މުހައްމަދު ހުސެއިންގެ މަރުގެ ރިޕޯޓް ނުލިބުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުން ދޫކޮށްލައިފަ އެވެ.