ބޮލީވުޑްގެ މަޝްހޫރު ބަތަލް ރިތިކް ރޯޝަނާއި އޭނާ އާއިލާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، ރިތިކް ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. ރިތިކް އާއެކު އޭނާގެ ދެ ދަރިން ކަމަށްވާ ރިހާން އާއި ރިދާންގެ އިތުރުން މަންމަ ޕިންކީ އަދި ދައްތަ ސުނައިނާއާ ދަތުރުގައި ބައިވެރިވާއިރު، ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވެސް މިދަތުރުގައި ފަހުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ހަ ފަހަރު ފިލްމްފެއާ އެވޯޑްސް ހާސިލްކޮށްފައިވާ ރިތިކް ޗުއްޓީއެއް ނަގާފައި މިވަނީ، މިހާރު އޭނާ ކުޅެމުން އަންނަ އާޝުތޯޝް ގޯރްވާރްކަރްގެ ޑައިރެކްޓްކުރާ ފިލްމް، "މޮހެންޖޯ ދަރޯ"ގެ ޝޫޓިންތަކުގައި އެތައް މަހެއް ހޭދަކުރަންޖެހުމުން އާއިލާއަށް ވަގުތު ނުދެވޭތީ އެވެ. ރިތިކް އާއެކު ޕޫޖާ ހެޖް ފެނިގެންދާ އެ ފިލްމް އަންނަ މުޅި ދުނިޔެއަށް ރިލީޒްކުރާނީ އަންނަ އަހަރުގެ އެވެ.

ރާއްޖެއަށް އައުމުގެ ކުރިން ރިތިކް އާ އޭނާގެ އާއިލާ އިންޑިއާގެ އެއާޕޯޓެއްގައި --- ފޮޓޯ/ ޕިންކްވިލާ
މީގެ ކުރިން ވެސް ރިތިކް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވާ އިރު، އޭނާ މިފަހަރު ޗުއްޓީ ހޭދަކުރާ ރިސޯޓެއް ސާފެއް ނުވެ އެވެ. ނަމަވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ތިރިކް ރާއްޖޭގައި ފަސް ދުވަސް ހޭދަކުރާނެ އެވެ.

ރިތިކް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވާ އިރު، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ އާއި އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ކޮރިއޮގްރަފަރު ފަރާ ހާން ވަނީ އޭނާގެ އާއިލާއެކު ޗުއްޓީ ހޭދަކުރުމަށް މިމަހުގެ ތެރޭގައި ރާއްޖެ އައިސްފައެވެ.