ވޯލްޑް ޑައުން ސިންޑްރޯމް ޑޭ ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގައި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެހީތެރިވާން އުފައްދާފައިވާ އެންޖީއޯއެއް ކަމަށްވާ ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ކުރިއަށް އޮތް 10 ދުވަސް ހާއްސަ ކުރަން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

މިއަދު 'ސަން' އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް މިއަދުން ފެށިގެން ކުރިއަށް އޮތް 10 ދުވަސް ހާއްސަ ކުރުމުގެ ގޮތުން އެފްއޭއެމުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި، ބިއުޓިފުލް އައިސް އިން އެ ދުވަހަށް ހާއްސަކޮށް ހަދާފައިވާ ޓީޝާޓުގައި އެފްއޭއެމްގެ މުއައްޒަފުން އޮފީހަށް ނިކުތުމަށް ނިންމާފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ ބިއުޓިފުލް އައިސް އަށް އެހީތެރިވެ، ޑައުން ސިންޑޯރަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިއަދު ބާއްވާ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެ ޓީޝާޓް ލައިގެން ކަމަށެވެ. އަދި މިއަދުގެ ތަމްރީނުތަކުގައި، 23 އަހަރުން ދަށުގެ ޓީމު ދުވެފައި ގޮސް މަޖީދީ މަގުގައި ބިއުޓިފުލް އައިސްއިން ހަވީރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވަގުތުކޮޅަކަށް ބައިވެރިވާން ރާވާފައި ވާކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ އިތުރުން، ކުރިއަށް އޮތް ތަޖަކިސްތާނު މެޗަށް މިރޭ ގައުމީ ސީނިއާ ޓީމު ކުރާ ތަމްރީނުތަކުގައި ވެސް ޓީމުގެ ކުޅުންތެރިން އެ ޓީޝާޓް ލުމަށް ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރި ކަމުގެ މެޗަށް ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓު ބިއުޓިފުލް އައިސް އަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އޭގެ އިތުރުން މިމަހުގެ 27 ނުވަތަ 28 ވަނަ ދުވަހު، ބިއުޓިފުލް އައިސް އިން ކުރިއަށް ގެންދާ "އަ ރެންޑޮމް އެކްޓް އޮފް ކައިންޑްނެސް" ހަރާކާތުގެ ދަށުން އެފްއޭއެމްގެ ހުރިހާ މުވައްޒަފުންނާއި ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިން، ބިއުޓިފުލް އައިސްގެ ނަމުގައި ލޭ ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

"ހަގީގަތުގައި އެފްއޭއެމްގެ ބޭނުމަކީ، ސީއެސްއާރްގެ ދަށުން އެފަދަ އެންޖީއޯތަކާއި ގުޅިގެން ވީހާވެސް ގިނަ ހަރަކާތްތައް ކުރިއަށް ގެންދިޔުން، އަދި ވީހާ ވެސް ބޮޑަކަށް ވެވެން އޮތް ވަރަކަށް އެފަދަ އެސޯސިއޭޝަންތަކަށް އެހީތެރި ވެދިނުން،" ބައްސާމް ވިދާޅުވި އެވެ.

ވޯލްޑް ޑައުން ސިންޑްރޯމް ޑޭ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރަނީ މާޗް 21 ވަނަ ދުވަހު އެވެ. އެ ދުވަހާ ގުޅުވައިން ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ވަނީ މިއަދު ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފަ އެވެ. އަދި އެފްއޭއެމުން އެ ހަރަކާތްތަކުގައި ބައިވެރިވާން ނިންމާފައިވާ އިރު، މިއަހަރު ބޭއްވި ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕީޕަލްސް ކަޕްގައި، ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ވެސް އެފްއޭއެމުން ހަދިޔާ ކޮށްފައި ވަނީ އެފަދަ އެންޖީއޯ ތަކަށެވެ.