19 Mar 2015, 14:17
ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ ހަށިގަނޑަށް ގެއްލުންވާފަދަ ބައްޔެއް ހުރުމުން ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުގައި އެދިއްޖެ އެވެ.
މިއަދު ބޭއްވި ނާޒިމްގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ވަކީލުން ވިދާޅުވެފައިވަނީ ނާޒިމް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޑޮކްޓަރު ލަފާދެއްވާތީ އެކަމަށް ހުއްދަދިނުމަށް ފަނޑިޔާރުންގެ އަރިހުން އެދޭ ކަމަށެވެ.
ވަކީލުން ވިދާޅުވެފައިވަނީ ޑޮކްޓަރުންގެ ރިޕޯޓްތައް ބުނާގޮތުން ނާޒިމްގެ ހަށިގަނޑަށް ގެއްލުންވާފަދަ ނުރައްކާތެރި ބައްޔެއް ހުރުމުން އިތުރު ތަހުލީލަށް ބޭރަށް ފުރުމަށް އެދޭ ކަމަށެވެ.
ވަކީލުންގެ އެ އެދުމަށް ފަނޑިޔާރުން ވިދާޅުވީ، މެޑިކަލް ފޯމް ހުށަހެޅުމުން އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
ނާޒިމް މިހާރު ވަނީ ގޭބަންދަށްވެސް ބަދަލުކޮށްފައެވެ. ނާޒިމް ގޭބަންދަށް ބަދަލުކުރުމަށް ފަނޑިޔާރުން ހުއްދަ ދެއްވީ އޭނާގެ ސިއްހީ ހާލުކޮޅުހުރިގޮތުން، ނާޒިމްގެ ގާނޫނީ ވަކީލުން އޭނާ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދުމުންނެވެ.
ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ސިއްހީ ހާލުކޮޅު ހުރިގޮތް ކުރުގޮތަކަށް ކިޔާ ދިނުމަށް އެދުމުން ނާޒިމް ވިދާޅުވީ އޭނާގެ ސިއްހީ ހާލަތު މީޑިއާގެ ކުރިމަތީގައި ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.