19 Mar 2015, 14:15
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމުގެ ކޮޓަރިކޮޅުން ހަތިޔާރު ފެނުނުރޭ އޭނާގެ ކޮޓަރިކޮޅުގައި ނީންނާނެ ކަމަށް ނާޒިމް ވިދާޅުވާ ގޮނޑިއެއް ފުލުހުން އެރޭ ބަލައިފާސްކުރި އިރު ނަގާފައިވާ ފޮޓޯ އަކުން ފެނިއްޖެ އެވެ.
ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ މިއަދު ބޭއްވުނު ޝަރީއަތުގައި ދައުލަތުގެ ވަކީލުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ފޮޓޯގައި ނާޒިމްގެ ކޮޓަރީގެ ތެރޭގައި އެ ގޮނޑި ފެންނަން ހުއްޓެވެ. ނަމަވެސް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވިދާޅުވެފައި ވަނީ ގޮނޑިއެއް ވައްދައިގެން އޭނާގެ ކޮޓަރި ބަލާ ފާސްކޮށްފައި ނުވާ ކަމަށާއި، އޭނާގެ ކޮޓަރީގައި އެ ގޮނޑިއެއް ނުހުއްނާނެ ކަމަށެވެ.
ނާޒިމްގެ ޝަރީއަތަށް އިއްޔެ ހެކިބަސް ދެއްވި ސިއްރު ދެ ހެކިވެރިންގެ ތެރެއިން އެކަކު ބުނެފައި ވަނީ ގޮނޑިއެއް ވައްދައިގެން ކޮޓަރީގެ މަތިން އެއްވެސް ތަނެއް ބަލައި ފާސްކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ސިއްރުން ހެކިބަސް ދެއްވި އެހެން ވަކީލަކު ވިދާޅުވީ ނާޒިމްގެ ކޮޓަރިކޮޅުގެ ސީލިންގުގައި ބޮކި ހަރުކޮށްފައި ހުރި ދިމާލުން އެއްޗިހި ލެވޭ ގޮތަށް ހުރި ތަނެއް ފާސް ކުރުމަށް ސިޓިންރޫމުން ގޮނޑިއެއް ވެއްދި ކަމަށާއި، އަދި އެތަން ބަލައި ފާސްކޮށްފައި ވާނެ ކަމަށެވެ.
މިއަދު 10 ޖެހި އިރު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުކުރެވުނު 18 ޖެނުއަރީ ވަނަ ދުވަހުގެރޭ ނާޒިމްގެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި ސީން އޮފް ކްރައިމް އޮފިސަރު މުހައްމަދު އަރީފް މިއަދުގެ ޝަރީއަތުގައި ވިދާޅުވީ، ގޮނޑިއަކަށް އަރައިގެން އެއްވެސްތަނެއް ބަލައި ފާސްކުރަނިކޮށް ފޮޓޯ ނަގާފައި ނުވާނެ ކަމަށެވެ. އަދި ނާޒިމްގެ ގެ ބަލައި ފާސްކުރި އިރު 211 ފޮޓޯ ޖުމްލަ ނަގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމްގެ ގެ ބަލައި ފާސްކުރެވުނު ރޭ މުހައްމަދު އާރިފް ނަގާފައިވާ ފޮޓޯ ތަކުގެ 30 ފޮޓޯ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ އިރު، ނާޒިމްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ "އެ ފޮޓޯތަކަކީ ނާޒިމްގެ ގެ ކަން ޔަގީނެއް ނޫން" ކަމަށެވެ. ނާޒިމްގެ ގެ ބަލައި ފާސްކުރި ފަހުން ނާޒިމްގެ ގާނޫނީވަކީލުންގެ ޓީމުން ނަގާފައިވާ ފޮޓޯތަކެއް މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރެވުނު މުހައްމަދު އާރިފަށް ދެއްކުމުން އޭނާ ވިދާޅުވީ "ތި ފޮޓޯ ތަކަކީ އެގެކަން ޔަގީނެއް ނުވޭ" ކަމަށެވެ.
ދައުލަތުގެ ވަކީލުންނާއި ހެކިން ބައްދަލު ކުރާކަމަށް ބުނެ ނާޒިމްގެ ވަކީލުން މިއަދު ވިދާޅުވީ އެހެން އެކަންވާނަމަ ދައުލަތުގެ ވަކީލުންނަށްވެސް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ފަނޑިޔާރުން ވިދާޅުވީ ހެކިންނާއި ބައްދަލުކުރުމުގެ ފުރުސަތު ނާޒިމްގެ ވަކީލުންނަށްވެސް ލިބިގެންވާ ކަމަށެވެ.
ތިން ހެކިން ހާޒިރު ކުރުމަށް ހަމަޖެހުނު މިއަދުގެ ޝަރީއަތުގައި ހާޒިރު ކުރެވިފައި ވަނީ އެންމެ ހެކިވެރި އެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ސުވާލުތަށް ގިނަވެ ދިގުލައިގެން ދިއުމުން އިތުރު ހެކިން ހާޒިރު ނުކުރެވުނީ ކަމަށެވެ.