އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު ގުޅިގެން މިހާރު ކުރިއަށް ގެންދާ "އައްސޭރި ޕްރިޒަން ކަޕް 2015"ގައި، އެފްސީ ތުނޑި ކުޅުނު ފުރަތަމަ މެޗު އެ ޓީމް ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހަވީރު ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު އެފްސީ ތުނޑި ކާމިޔާބު ކުރީ އާޗާ އާ ވާދަކޮށް، 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޕްރައިވެޓް މުހައްމަދު ވިޝާޚް ކާމިޔާބު ކޮށްދިން ލަނޑާއެކު އެފްސީ ތުނޑި ލީޑު ނެގިއިރު، ދެވަނަ ހާފްގައި އެ ޓީމްގެ ބާކީ ދެ ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު މިޒްހާން އާއި އިބްރާހިމް ހަލީމް އެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ތުނޑީގެ ފަހު ލަނދު ކާމިޔާބު ކުރި އިބްރާހިމް ހަލީމް އެވެ.

މާޗް 16 ވަނަ ދުވަހު ފެށި އައްސޭރި ޕްރިޒަން ކަޕްގައި މީގެ ކުރިން ދެމެޗު ކުޅެފައި ވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ޔުނިޓީ އާއި އާޗާ އެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޗާގެ އިބްރާހިމް ރަޝީދު މުހައްމަދު އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި އެންއެކްސް އާއި އެޗްޑީސީ ބައްދަލުކުރިއިރު، އެ މެޗު އެންއެކްސް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންއެކްސްގެ ހަސަން ޖީޝާދު އެވެ.

އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން މުޅިއެކު ފަސް ޓީމެއް ވާދަކުރާ އައްސޭރި ޕްރިޒަން ކަޕް ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، ފައިދާ ތިން ލަނޑާއެކު އެންއެކްސް އާއި އެފްސީ ތުނޑި މިހާރު ތާވަލްގެ އެއްވަނަ ހޯދާފައި ވާއިރު، ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރި އާޗާ އާއި އެފްސީ ޔުނިޓީއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

އައްސޭރި ޕްރިޒަން ކަޕަކީ އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 27 ގެ ނިޔަލަށެވެ.