19 Mar 2015, 13:36
މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޔޫރަޕު ސަރަހައްދުން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މަދުވިނަވެސް އޭޝިއާ ސަރަހައްދުން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވުމުން ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު 8.8 ޕަސެންޓް މައްޗަށް ގޮސްފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު މިއަހަރު ޖެނުއަރީ މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު ވަނީ 7.8 އިންސައްތަ ދަށަށް ގޮސްފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް 120,468 ފަތުރުވެރީން ޒިޔާރަތްކޮށްފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 110,705 ފަތުރުވެރީންނެވެ. އެހެންކަމުން އެއީ 8.8 އިންސައްތައިގެ އިތުރުވުމެކެވެ.
ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކޮށްފައި ވާ ސަރަހައްދަކީ އޭޝިއާ އެވެ. އެއީ 59,035 ފަތުރުވެރީންނެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅައިބަލާއިރު 21.1 އިންސައްތައިގެ އިތުރުވުމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކުރި ވިލާތު ސަރަހައްދުން 54,718 ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ 1.9 އިންސައްތައިގެ ދަށްވުމެކެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ސީނުކަރަ (ޗައިނާ)އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވަނީ 43,349 ޓޫރިސްޓުން އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 30.5 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 217,541 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 0.7 ޕަސެންޓްގެ އިތުރުވުމެކެވެ. އެމުއްދަތަށް ބަލާއިރުވެސް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ މިންވަރު 0.8 ޕަސެންޓް ދަށް ވެފައިވާއިރު އޭޝިއާ ސަރަހައްދުން ޓޫރިސްޓުން އައި މިންވަރު ވަނީ 0.9 ޕަސެންޓް އިތުރުވެފައެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެއްމަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން އައިފަހަރެވެ.
"މިހާތަނަށް މިވީ 40 އަހަރުގެ ތެރޭ އެއްމަހެއްގައި އެންމެ ގިނައިން (ޓޫރިސްޓުން) އައިމަހަކީ މިދިޔަ މަސް،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ޓޫރިސްޓުން އައި މިންވަރު ދަށްވެގެން ދިޔައިރު އޭގައި ގްލޯބަލް ޓްރެންޑް ވެސް ހިމެނޭ ކަމަށެވެ. އަދި މިއަހަރުގެ ފެބުރުއަރީ މަހު މިހާ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިއިރު، މިއަހަރުގެ ޗައިނީސް ނިއުއާ ދިމާވެފައިވަނީ ފެބުރުއަރީ މަސް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓްރެވަލް ގުރޯތު ދަށަށް ނުދާކަން ސްޓެޓިސްޓިކްސް އަށް ބަލާލުމުން ފެންނަ ކަމަށެވެ.