19 Mar 2015, 13:17
މަޖީދީއްޔާ ސްކޫލުން އެ ސްކޫލުގެ ކެޑޭޓް ކޯޕްސް އިތުރަށް ރަނގަޅުކޮށް ކުރިއެރުވުން ހޯދައިދިނުމުގެ ގޮތުން ކެޑޭޓް އެލުމްނާއި އެސޯސިއޭޝަން ރަސްމީކޮށް އިފްތިތާހް ކޮށްފި އެވެ.
އެ ސްކޫލުގެ ކެޑޭޓް ކޯޕްސް އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސްކޫލުގައި މިއަދު ބޭއްވި "ކުލަގަދަ" ރަސްމިއްޔާތުގައި އެއްބަސްވުން ހަވާލު ކުރައްވާފައި ވަނީ ޖަލްސާގެ ޝަރަފުވެރި މެހްމާނު އަބްދުއް ރަޝީދު ހުސައިން އެވެ. އަދި އެސޯސިއޭޝަންގެ ފަރާތުން އެއާ ހަވާލުވެފައި ވަނީ އެސޯސިއޭޝަންގެ ރައީސް ހަސަން ނަސީމް އެވެ.
ކުރީގެ ކެޑޭޓުންގެ އެހީގައި އުފެއްދި އެ އެސޯސިއޭޝަން ސްކޫލު ފެންވަރުގައި ރެޖިސްޓްރީ ކުރި އިރު ސްކޫލު ފެންވަރުގައި އެ އެސޯސިއޭޝަން މަޖީދިއްޔާ ސްކޫލު ތަމްސީލު ކުރާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖީދިއްޔާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ކެޑޭޓް ތައާރަފު ކުރި ސްކޫލަށް ވުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.
"މިއަދު މި ފާހަގަ ކުރެވެނީ މަޖީދިއްޔާއަށް 70 އަހަރު ފުރުން. ހަމަ ޔަގީނުން ވެސް މިކަމެއް އެހެން ސްކޫލަކަށް ނުކުރެވޭނެ. އެއީ ރާއްޖޭގެ އެންމެ ފުރަތަމަ ކެޑޭޓް ހަރަކާތް ފެށިގެން ދިޔައީ މަޖީދިއްޔާ އިން. އެތައް އަހަރެއް ވަންދެން ސްކޫލްތަކުގައި ކެޑޭޓުން ނެތި މަޖީދިއްޔާގައި ކެޑޭޓް ހަރަކާތް ކުރިއަށް ދިޔުން އެއީ ފަހުރަކަށް ދެކެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.