ތައިލޭންޑްގެ ދަނޑުވެރިންނަށް ހަނޑުލުން ސަބްސިޑީ ދިން މައްސަލާގައި އުފެދުނު މައްސަލާގައި ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތުރާގެ މައްޗަށް ޝަރީއަތް ހިންގުމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފި އެވެ.

އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހު 19 ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބީބީސީ އިން މިއަދު ބުންޏެވެ.

މިކަން ވަނީ ޝިނަވަތުރާގެ އާއިލާ އަށް ތައިލެންޑް ޕޮލިޓިކްސްގައި ކުރިމަތިވާނެ އިތުރު ފިއްތުމަކަށެވެ. އޭނާ މިހާރު ވެސް ވަނީ ސިޔާސީ ހަރަކާތްތަކުން ފަސް އަހަރަށް ދުރުކޮށްފަ އެވެ.

މަސްތަކެއްގެ ހަޅުތާލަށް ފަހު، ސިފައިން ބަޣާވާތެއް ގެނެސް ސަރުކާރާ ހަވާލުވުމުގެ ކުރީން އޭނާގެ ސަރުކާރު ވަނީ މިދިޔަ މޭ މަހު ވައްޓާލައިފަ އެވެ.

މިލިޓަރީ މީހުންގެ ގާނޫނު ހަދާ މަޖިލީހަކުން ޔިންގްލަކް ވަނީ މިދިޔަ ޖެނުއަރީ މަހު ވެރިކަމުން އަޒުލުކޮށްފަ އެވެ. އަދި ސަބްސިޑީ ސުކީމްގެ މައްސަލާގައި އެ ގައުމުގެ ބަންޑާރަ ނައިބު ވަނީ އެ ކަމަނާގެ މައްޗަށް މިދިޔަ ފެބްރުއަރީ މަހު ޖިނާއީ ދައުވާ އުފުލައިފަ އެވެ.

ބީބީސީ އިން ބުނީ ޔިންގްލަކްގެ ސަރުކާރުން ބާޒާރު އަގަށް ވުރެ، އަގު ބޮޑުކޮށް ދަނޑުވެރިންގެ އަތުން ހަނޑޫ ގަނެފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަނީ އެކަމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކޮށްފައި ކަމަށެވެ. ޔިންގްލަކް އަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ސުކީމްގެ ފައިދާ ކުރީ އޭނާގެ ޕާޓީގެ އެންމެ ގާތް ސަޕޯޓަރުންނަށެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ވިދާޅުވީ އެ ސިޔާސަތަކީ ދަނޑުވެރިންނަށް އެހީވުމަށް ގާއިމު ކުރި ޕޮލިސީއެއް ކަމަށާއި އެ ސުކީމް ހިންގުމަށް ދުވަހުން ދުވަހަށް އޭނާ ބެހިވަޑައިނުގަންނަވާ ކަމަށެވެ.

މިދިޔަ އަހަރުގެ މޭ މަހު ޔިންގްލަކްގެ ސަރުކާރު، މިލިޓަރީ އިން ވައްޓާލީ، ބޮޑުވަޒީރާ ދެކޮޅަށް މުޒާހަރާކޮށް ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓޭތީ ކަމަށް ބުނެ އެވެ. އެކަމަކު ޔިންގްލަކްގެ ބޭބެ ތަކްސީން ޝިނަވަތުރާގެ ސަރުކާރު 2006 ވަނަ އަހަރު މިލިޓަރީ އިން ވައްޓާލީއްސުރެ، ސިޔާސީ ގޮތުން އެ ގައުމު ހަމައެއް ނުޖެހެ އެވެ. ތައިލޭންޑްގެ ރަށްފުށު ހިސާބު މީހުންގެ މެދުގައި ތަކްސީން ވަރަށް މަގުބޫލެވެ. އެކަމަކު އާބަން ސިޓީތަކުގެ މެދުފަންތީގެ މީހުންނާއި މުއްސަނދީން އިންތިހާ އަށް އޭނާ ދެކެ ރުޅި އާދެ އެވެ. އެ މީހުން ތުހުމަތު ކުރަނީ އޭނާ ކޮރޮޕްޓް ކަމަށެވެ.