ގައުމީ ޔުނިވާސިޓީގެ މެނޭޖްމެންޓް އެންޑް ކޮމްޕިއުޓިން ފެކަލްޓީއާ ގުޅިގެން އެސޯސިއޭޝަން އޮފް މެނޭޖްމެންޓް ޑިވެލޮޕްމެންޓް އިންސްޓިޓުޝަން އިން ސައުތު އޭޝިޔާ (އަމްޑިސާ) 53 ވަނަ އެގްޒިކްޓިވް ބޯޑުގެ ބައްދަލުވުން މި މަހު ރާއްޖޭގައި ބާއްވަން ހަމައްޖައްސައިފި އެވެ.

ގައުމީ ޔުނިވާސިޓީން ބުނީ ބައްދަލުވުން އޮންނާނީ މި މަހުގެ 20 އިން 22 އަށް ކަމަށާއި މި ބައްދަލުވުމުގެ ހަވާސާގައި ފޯރަމެއް ބާއްވައި ހިންގުމުގެ ދާއިރާއިން ތިމާވެއްޓާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ހިނގުމުގެ ތަމްރީނު ދިނުމުގެ ދައުރާމެދު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ކިޔަވާއިދިނުމުގެ ދާއިރާގެ ފަރާތްތައް މަޝްވާރާ ކުރާނެ ކަމަށެވެ.

އަމްޑިސާއަކީ 1988 ގައި ގާއިމްކުރި އެސޯސިއޭޝަނެކެވެ. ރާއްޖެއަކީ އަމްޑިސާގެ ފައުންޑިން މެންބަރެކެވެ. ރާއްޖޭގައި އަމްޑިސާ ތަމްސީލު ކުރަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭމަންޓް އެންޑް ކޮމްޕިއުޓިން އެވެ.