19 Mar 2015, 12:07
ފުވައްމުލަކުގައި ހުންނަ މަދުރަސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީންގައި އާ އިމާރާތެއް އެޅުމަށް ޖަޕާނު ސަރުކާރުން 201167 ޑޮލަރު (ތިން މިލިޔަން ރުފިޔާ) ހަދިޔާކޮށްފި އެވެ.
ޖަޕާނު އެމްބަސީން މިއަދު ބުނީ އެ މަދުރަސާ އަށް އެހީ ދިނީ ޖަޕާނު ސަރުކާރުން ހިންގާ އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމް ( ޖީޖީޕީ)ގެ ދަށުން ކަމަށެވެ.
ޖަޕާން އެމްބަސީން އެކަމާ ބެހޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެހީ ދިނުމުގެ މަގުސަދަކީ ކުދިންނާ ރަހުމަތްތެރި މާހައުލެއްގައި ތައުލީމު ލިބުމުގެ ހައްގު ހަގީގަތަކަށް ހެދުމަށް ޓަކައި އެކަށީގެންވާ ސްކޫލެއް އިމާރާތް ކުރުން ކަމަށެވެ. ޖަމާލުއްދީން މަދުރަސާގެ މަޝްރޫއު އެކުލަވާލާފައި ވަނީ ޖަޕާން އޯވަސީސް ކޯޕަރޭޝަން ވޮލަންޓިއާ (ޖޭއޯސީވީ) އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ޖައިކާ) އާއި ގުޅިގެން ކަމަށެވެ.
ފުވައްމުލަކުގައި ހުންނަ މަދުރަސަތުއް ޝައިޚު މުޙައްމަދު ޖަމާލުއްދީނަކީ 400 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސްކޫލެކެވެ. އެ އަދަދުގެ ކުދިން ކިޔެވުމަށް އެ މަދުރަސާގައި މިހާރު ހުރީ 12 ކްލާސްރޫމެވެ. އެހެންވެ، ހަގު އުމުރުފުރާތަކުގެ ކުދިންނާއި ދޮށީ އުމުރުފުރާގެ ކުދިން ވެސް މިހާރު ބޭނުންކުރަން ޖެހިފައި ވަނީ އެއް ކްލާސްރޫމްތަކެކެވެ.
ޖަޕާނުން ދިން އެހީގައި އެސްކޫލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އަށް ކްލާސްރޫމް ހިމެނޭ ދެބުރީގެ އިމާރާތެކެވެ.
އެހީ ދިނުމުގެ އެއްބަސްވުމުގައި ޖަޕާނުގެ ސަރުކާރުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނޮބުހީޓޯ ހޯބޯ އެވެ. އަދި މަދުރަސަތުއް ޝައިޚު މުޙައްމަދު ޖަމާލުއްދީންގެ ފަރާތުން ސޮއިކުރެއްވީ އެ މަދުރަސާގެ ޕްރިންސިޕަލް އާރިފާ އަބުދުލް މަޖީދު އެވެ. އެއްބަސްވުމުގައި ދެބޭފުޅުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަ ޖަޕާން އެމްބަސީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގަ އެވެ.