ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކަށް ހާއްސަކޮށްގެން އޮފީހެއް ހުޅުވައިފި އެވެ.

ގާޒީ ބިލްޑިންގައި ހުންނަ އެ އޮފީސް މިއަދު ހުޅުވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ މިނިވަން 50 އަކީ އެންމެންގެ 50 ކަމަށާއި މި ފަންސާހުގައި މިނިވަން ކަން ރާއްޖެއަށް ހޯއްދައި ދެއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތެއްގެ ވެސް އަގުވަޒަން ކުރާނެ ކަމަށެވެ. އަދި ވޭތުވެ ދިޔަ 50 އަހަރު ހިދުމަތް ކުރެއްވި ހުރިހާ ހިދުމަތްތެރިންގެ އަގުވަޒަން ކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒު ސަލީމް ވިދާޅުވީ މިނިވަން 50 ފާހަގަ ކުރުމަށް ތަފާތު 15 ކަމެއް ކުރަން ނިންމާފައިވާ އިރު، ތިން ހަރަކާތެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެން ދިޔަ ފަތިސް ނަމާދަށް ފަހު ދުއާ ކުރުމާއި ސަރިންދާ މިއުޒިކު ޝޯ އާއި އާޓު އެގްޒެބިޝަން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ދެން އެންމެ އަވަހަށް އޮތީ މިނިވަން 50 ރައިވެރިބޭގެ ޖިހާދުގެ ނަމުގައި ބާއްވާ ފެތުން ކަމަށެވެ. އެ އިވެންޓްގައި ގާތްގަނޑަކަށް 2000 އެއްހާ ފެތުންތެރިން ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަލީމް ވިދާޅުވި އެވެ.

މާޒު ސަލީމް ވިދާޅުވީ މިނިވަން 50 އާ ގުޅުވައިގެން ދިވެހި ރާއްޖޭގެ ވާހަކަ ސަލްޓަން ޕާކުތެރޭ ފެންނަ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ވާހަކައިގައި ރާއްޖޭގެ ތާރިހުގައި ހިނގާފައި ހުރި ކަންކަން ދައްކުވައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިނިވަން 50 އާ ގުޅިގެން ކަޅުއޮއްފުންމި ބަނުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. ކަޅުއޮއްފުންމި ބަންނާނީ ކުރީގެ ކަޅުއޮއްފުންމި ބަނދެފައިވާ ގޮތަށް ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ކަޅު އޮއްފުންމީގެ ދަތުރެއް ޖުލައި 26 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކުރުމަށް ފަހު، އެ އޮޑި އެހެލާނީ ސަލްޓަން ޕާކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އޮޑި އަކީ ދިވެހި ރާއްޖޭގެ ވާހަކައިގެ ބައެއް ކަމަށް ވެސް މާޒު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން 50 އާ ގުޅުވައިގެންބާއްވާ މޫދު ކުޅިވަރުގެ ހަރަކަތްތައް ފެށުމުގެ ކުރިން ހާއްސަ ވޯޓާ ފައުންޓަންއެއް ބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ވިހި މިނެޓްގެ ވޯޓާ ފައުންޓަން ޝޯގައި ލޭޒާ ލައިޓް އަޅުވައިގެން ތަފާތު ފޮޓޯތައް ފެނިގެންދާނެ ކަމަށް ވެސް މާޒު ސަލީމް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް މިނިވަން 50ގެ ބައެއް ކުޅިވަރުތައް ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިއަށްގެންދާނެ ކަމަށް ވެސް މާޒު ސަލީމް ވިދާޅުވި އެވެ.