19 Mar 2015, 11:44
ނޫސްވެރިކަމުގެ މަސައްކަތުގައި މިދިޔަ އަހަރު އެންމެ މޮޅު ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭން ނިންމާފައިވާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މީޑިއާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ މި މަހުގެ ނިޔަލަށް ކަމަށެވެ. ކުރިން އެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހު 22ގެ ނިޔަލަށެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2014 އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ގިނަ ނޫސްވެރިނަށް އެ އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާ ހުށަހަޅަން ޖެހޭ ތަކެތި ތައްޔާރުކުރުމަށް އިތުރު މުހުލަތު ދިނުމުގެ ގޮތުންނެވެ" މީޑިއާ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުޅަހެޅުމަށް ހުޅުވާލާފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި އޮންލައިން، ޕްރިންޓް މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ރޭޑިއޯތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
އެކައުންސިލުން ބުނީ ދައުލަތުގެ ވުޒާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާ ވަސީލަތެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް އެ އިނާމަށް ކުރިމަތި ލެވިދާނެ ކަމަށެވެ. އަދި އަމިއްލަ ފަރުދަކަށް ވެސް އަދި މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން އިނާމަށް ހުށަހެޅިދާނެ ކަމަށް މީޑިއާ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެކައުންސިލުން ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފޯމާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގަވާއިދު އެކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
ވޭތުވެ ދިޔަ އަހަރު ބޭއްވުނު ނޫސްވެރިކަމުގެ އިނާމު ތިން ދާއިރާއަކުން ހުޅުވާލި ނަމަވެސް އިނާމު ދީފައި ވަނީ ދެ ދާއިރާއަކުންނެވެ. އޮންލައިން ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ހާސިލްކޮށްފައި ވަނީ ހަވީރުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދެވެ. އަދި ރޭޑިއޯ ނޫސްވެރިކަމުގެ ދާއިރާ އިން އިނާމުު ހާސިލްކޮށްފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ނައުޝާދު އަހުމަދު އެވެ. ޓީވީ ނޫސްވެރިކަމުގެ ދާއިރާއިން އެކަށީގެންވާ މެޓީރިއަލް ހުށައަޅާފައި ނުވާކަމަށް ބުނެ އެ ދައިރާ އިން މިދިއަ އަހަރު އިނާމު ދީފައެއްނުވެ އެވެ.