19 Mar 2015, 11:16
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަ ގޮތުގައި ބޭނުން ހިފައި ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް އެޕާޓީން ނިންމުމާއި އެމްޑީޕީއާއި ގުޅިގެން ސިޔާސީ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާތީ އަދާލަތު ޕާޓީގެ އާންމު މެމްބަރުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަ ކަމަށް އެޕާޓީގެ ބައެއް މެމްބަރުން ބުނެފި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރަކު ނަން ހާމަ ނުކުރަން އެދި 'ސަން' އަށް ވިދާޅުވީ، ސަރުކާރުން އެޕާޓީ ވަކިވުމަށް ނިންމުމުން އެޕާޓީގެ މެމްބަރުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އެހެން އެކަން އޮއްވައި އަދާލަތު ޕާޓީން އެމްޑީޕީ އާއި ގުޅިގެން މަސައްކަތް ކުރަން ނިންމުމުން އެތައް މެމްބަރަކު "ރަތަށް" އަރައި އެޕާޓީން ވަކިވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ޕާޓީގެ ނިންމުންތަކަށް އާންމު މެމްބަރުން އެހާ ދެކޮޅެއް ނުހަދާ. ނަމަވެސް މިފަހަރު މެމްބަރުން ދެކޮޅު. ގިނަ ބަޔަކު އެނިންމުން ތަކާއި ދެކޮޅު. އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ ސަރުކާރުން ވަކިވާން ޖެހޭ އެދެވޭ ސަބަބެއް ހާމަކޮށްފައިނުވުން،" މަޝްވަރާ މަޖިލީހުގެ މެމްބަރު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ބައެއް އިސް މެމްބަރުން ދަނީ ސޯޝަލް މީޑިއާގަޔާއި އެޕާޓީގެ މެމްބަރުން ހިންގާ އެކިއެކި ގުރޫޕުތަކުގައި އެނިންމުންތަކަށް ފާޑުކިޔައި ޕާޓީން ވަކިވާނެ ކަމަށް ބުނަމުން ކަމަށްވެސް އެޕާޓީގެ ބައެއް މެމްބަރުން ބުނެއެވެ.
އެކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ރެޖިސްޓްރާ އަބްދުލް ހާދީ މިއަދު 'ސަން' އަށް ވިދާޅުވީ އެޕާޓީގެ ތަފާތު ނިންމުން ތަކާއި ގުޅިގެން ހިތްހަމަ ނުޖެހުންތައް އާންމު މެމްބަރުންގެ ފަރާތުން އަބަދުވެސް އަންނަމުންދާ ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރުމަށް ނިންމެވިއިރު އޭރުވެސް ބައެއް މެމްބަރުންގެ ހިތްހަމަ ނުޖެހުން އައި ކަމަށާއި އެގޮތުން މިފަހަރުގެ ނިންމުމާއި ގުޅިގެންވެސް ބައެއް މެމްބަރުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަ ކަމަށެވެ.
"މިފަހަރު ނިންމުމާއި ގުޅިގެންވެސް {ހިތްހަމަނުޖެހުންތައް} އާދޭ. ނަމަވެސް މިކަމާއި ގުޅުގެން މީހުން ކެނޑުމުގެ އެއްވެސް ކަމެއް{އަދިނެތް}، ދެ މީހަކު އަޅުގަނޑަށް އެނގިގެން ކެނޑުނީ. ރިއެކްޝަން އަންނާނީ ފަހުން ދެއްތޯ،" ހާދީ ވިދާޅުވި އެވެ.
އެޕާޓީން މެމްބަރުން ވަކިވުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިފަހަރު ނިންމުމާއި ގުޅިގެން އަދި ޕާޓީން ވަކިވީ ދެ މީހަކު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ސަރުކާރާ ވަކިވުމަށް ނިންމައި އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދަނީ ސަރުކާރަށް އިންތިހާއަށް ފާޑުވިދާޅުވަމުންނެވެ. އިމްރާނުގެ ވާހަކަތައް އެމޭރުމުން ހުރި އިރު ދެން އެ ޕާޓީގައި އެންމެ ނުފޫޒު ގަދަކޮށް ހުންނެވި އަދި މިސަރުކާރުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝަހީމް ވަނީ ސަރުކާރާ ދެކޮޅަށް އިމްރާން ވިދާޅުވާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިޔަ އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ ޕާޓީތަކުން ގުޅިގެން ސިޔާސީ ހަރަކާތް ކުރިއަށްގެންދިއުމަށް އަދާލަތުން ގޮވާލާފައިވުމުންނެވެ.