19 Mar 2015, 10:53
ޔޫއެފާ ޗެންޕިއަންސް ލީގުގެ ގަދަ 16 ގައި، ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މައްޗަށް ކުރި ހޯދައި، ބާސެލޯނާ އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ. ފުރަތަމަ ލެގުގެ މެޗުވެސް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރި ބާސާ ރޭގެ މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައި ވާއިރު، އެ ޓީމްގެ ތަރި ލައޮނަލް މެސީ ވަނީ ހުނަރުވެރި ކުޅުމެއް ދައްކައި، ނުރައްކާތެރި ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. ރޭގެ މެޗުގައި ބާސާއަށް ލީޑު ނަގަން ފުރަތަމަ ފުރުސަތު ލިބުނީ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަތުން ބޯޅަ ހޯދުމަށްފަހު، ނެމާއަށް ޑެނީ އަލްވޭސް ތަނަވަސްކޮށްދިން ފުރުސަތުންނެވެ. ނަމަވެސް ނޭމާއަށް އެ ފުރުސަތުގެ ބޭނުން ހިފިފައި ނުވާއިރު، 11 ވަނަ މިނެޓުގައި މެސީ ނަގައިދިން ހުރަސް ދިފާއު ކުރީ ސިޓީގެ ކީޕަރު ޖޯ ހާޓް އެވެ. މެސީގެ އެ ހަމަލާއަށް ފަހު ސިޓީވެސް އެޓޭކަށް އިސްކަން ދޭން ފެށިއިރު، އެ ޓީމަށް ވަނީ ބާސާގެ ކީޕަރު މާކް އެންޑްރޭ ޓިއަރ ސްޓީގަން ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 34 ވަނަ މިނެޓުގައި މެސީ ނަގައިދިން ރީތި ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ރަކިޓިކް، ސިޓީގެ ކީޕަރު ބޯ މަތިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލުމުންނެވެ. މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސުއަރޭޒް ފޮނުވާލި ބާރު ޝޮޓެއް ވަނީ ސިޓީގެ ގޯލު ހުރަސް ދަނޑިއަށް އަމާޒު ވެފައެވެ. މެޗުގެ ދެވަނަ ހާފްވެސް ބާސާ ފެށީ ހަމަލާތަކަކާ އެކު އެވެ. އެ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ބާސާގެ އިނިއެސްޓާ އާއި ޖޯޑީ އަލްބާ އަދި މެސީ އުފެއްދި ހަމަލާތައް ސިޓީގެ ކީޕަރު ހާޓްއަށް ވަނީ ދިފާއު ކުރަން ޖެހިފައެވެ. އަދި 56 ވަނަ މިނެޓުގައި ބާސާގެ ކީޕަރު އަތުން ބޯޅަ އަތުލުމަށްފަހު ސިޓީގެ އަގުއޭރޯވެސް ރަނގަޅު ހަމަލާއެއް ފޮނުވާލި އިރު، ބާސާ ގޯލް ލައިން މަތިން އެ ހަމަލާ ދިފާއުކުރީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ފެނިގެން ދިޔައީ 78 ވަނަ މިނެޓުގައެވެ. ޕީކޭ އާއި މަޝަރާނޯ ސިޓީގެ އަގުއޭރޯއަށް ކުރި ފައުލަކާ ގުޅިގެން، އެ ޓީމަށް ޕެނަލްޓީއެއް ލިބިގެން ދިޔައިރު، އަގުއޭރޯ ކުރިއަށް ފޮނުވާލި އެ ޕެނަލްޓީ ބާސާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅު ބާސާ ވަނީ ލީޑު ފުޅާކޮލަން ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. ނަމަވެސް ސިޓީގެ ކީޕަރު ހާޓް ވަނީ ހުނަރުވެރި ސޭވްތަކަކާއެކު ބާސާ އިތުރަށް ލީޑު ފުޅާކޮށްލިޔަ ނުދީ ހިފައްޓާލާފައެވެ.