ސްޓޮކްހޯމް (މާޗް 19): ފާއިތުވި ފަސްއަހަރު ތެރޭގައި މުޅި ދުނިިޔެއަށްބަލާއިރު އެންމެ ގިނައިން ހަތިޔާރު ގަނެ އެތެރެކުރި ގައުމަކީ އިންޑިއާކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި ހުންނަ އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓުން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން އިންޑިޔާއިން ހަތިޔާރު ގަންނަމުން ގެންދާމިންވަރު ފާއިތުވި ފަސްއަހަރު ތެރޭގައިވަނީ ދެގުނައަށް މައްޗަށް ޖައްސާލާފައެވެ.

އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓްގެ ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ހުރިހާ ގައުމަކުން އެމުއްދަތުގައި ގަނެފައިވާ ހަތިޔާރަށް ބަލާއިރު އޭގެތެރެއިން 15 އިންސައްތަ ގަނެފައިވަނީ އިންޑިޔާއިންނެވެ. ދެވަނައަށް އެންމެ ގިނައިން ހަތިޔާރު ގަނެފައިވަނީ ސައޫދީ އަރަބިޔާއާއި ޗައިނާއިންނެވެ. މިދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް ގަނެފައިވަނީ 5 އިންސައްތަ ހަތިޔާރެވެ.

މިތިން ގައުމަށް ބަލާއިރު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އެންމެ ދަށްވެފައި ފަގީރުން އެންމެ ގިނައީ އިންޑިއާގައެވެ. އަދި ބޮލަކަށްޖެހޭ އެވްރެޖް އާމްދަނީވެސް އެންމެ ދަށް ގައުމަކީ އިންޑިއާ އެވެ.

އިންޑިއާގެ އާބާދީގެ ގަތްގަނޑަކަށް 50 އިންސައްތައަކީ ފަގީރުންނެވެ. އިންސާނީ ތަރައްގީއާއި އުމްރާނީ ތަރައްގީއަށް ބަލާއިރުވެސް އިންޑިއާއަކީ ވަރަށް ދަށުފެންވަރެއްގައިވާ ގައުމެކެވެ. އެހެންކަމުން މީޑިޔާ ރިޕޯޓްތަކުގައި އިންޑިއާ ސިފަކޮށްްފައިވަނީ ގައުމުގެ އާމްދަނީ އާ ނުބައްދަލު މިންވަރަށް ހަތިޔާރު ގަންނަމުން ގެންދާ ގައުމެއްގެ ގޮތުގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2013 ވަނަ އަހަރުގައިވެސް އިންޑިއާއިން 55 ބިލިޔަން އެމެރިކާ ޑޮލަރުގެ އެކިބާވަތުގެ ހަތިޔާރު ގަނެ އެތެރެކޮށްފައިވެއެވެ.

ދުނިޔެއަށް ބަލާއިރު އެންމެ ގިނައަދަދަކަށް ހަތިޔާރު ވިއްކައިގެން އާމްދަނީ ހޯދަމުންދާ ދެގައުމަކީ އެމެރިކާއާއި ރަޝިޔާކަމަށްވެސް މިރިޕޯޓްބުނެއެވެ. ހަތިޔާރު ވިއްކައިގެން އެތަށް ސަތޭކަ ބިލިޔަން ޑޮލަރު މިދެގައުމުން ހޯދަމުންގެންދާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހަތިޔާރު އެކްސްޕޯޓްކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ އެހެން ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ފަރަންސޭސިވިލާތާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ. (ނޫސްއެޖެންސީތައް)