19 Mar 2015, 10:08
އަމިއްލަ ގެދޮރު ނެތި ބޯޑަރު ސަރަހައްދުގައި އުޅުމަށް މަޖުބޫރުވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އެމީހުންގެ ދިރިއުޅުން އާރާސްތު ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ޖަޕާނު ސަރުކާރުން ސްރީ ލަންކާގެ މަލައިޓީވޫ ޑިސްޓްރިކްޓަށް 111،571 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފި އެވެ.
އެމްބަސީ އޮފް ޖަޕާން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރޮޖެކްޓްގެ ދަށުން އެމީހުންނަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްޓަކައި ޕެކިން އަދި ސޭލްސް ސެންޓަރެއްގެ އިތުރުން ގްރައިންޑިން މިލް އެއް ގާއިމް ކުރެވޭނެ ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ލީޑާޝިޕް އާއި މާކެޓިން ފަދަ އަސާސީ ހުނަރުތައް ޑިސްޓްރިކްޓްގެ މީހުންނަށް ދަސްކޮށްދެވޭނެ ކަމަށްވެސް ޖަޕާން އެމްބަސީން ވަނީ ބުނެފައެވެ.
ޖަޕާނު ސަރުކާރު ގަބޫލު ކުރާގޮތުގައި ދަތި ހާލަތުގައި މީހުން އުޅޭ ސަރަހައްދުތަކުގެ އިންފްރާސްޓްރަކްޗާތައް ރީހެބިލިޓޭޓް ކުރަން ޖެހެއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން ހަދިޔާކުރި ފައިސާއާ ހަވާލުވި ލަންކާގެ ރަށްފުށު ސަރަހައްދުތަކުގެ ތަރައްގީއަށް މަސައްކަތްކުރާ ސެވަލަންކާ ފައުންޑޭޝަންގެ ޗެއާމަން ޑރ. ހަރްޝާ ކުމާރާ ނަވްރާތުނާ އެކަމާ ބެހޭގޮތުން ވިދާޅުވީ، ސިވިލް ސޮސައިޓީތަކާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ވާނެ އެވެ. އެގޮތުން 173 އަންހެނުންނާއި 47 ނުކުޅެދޭ މީހުންނަށް އެހީތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގްރާންޓް އެސިސްޓެންސް ފޮ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމް (ޖީޖީޕީ) ފަންޑުގެ ދަށުން ކުރިއަށްދާ އެ ޕްރޮޖެކްޓްގެ ސަބަބުން ގިނަ ބައެއްގެ ބޯ ހިޔާވަހިކަމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ޖަޕާން ސަރުކާރުން ގަބޫލު ކުރެއެވެ.