އެ ކުދިންގެ ތަފާތަކީ އެެހެން މީހުންނާ ހިލާފަށް ހެދިބޮޑުވުމާއި ވިސްނުން ތަރައްގީ ވުމުގައި ލަސްވުމެވެ. އެހެން މީހުންނަށް ވުރެ ކަންތައްތައް ދަސްކުރުމަށް ކޮށިވުމެވެ. ވާހަކަ ދައްކަން އުނދަގޫ ވުމެވެ. ނަމަވެސް އެ ކުދިންނަކީ އެކަންތައްތައް ނުކުރެވޭނެ ކުދިންނެއް ނޫނެވެ. ޑައުންސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21 ހުންނަ އެ ކުދިންނަށް ބޭނުންވަނީ ވަގުތާއި ލޯތްބެވެ. މުޖުތަމައުގެ އެހީތެރިކަމާއި މަދަދެވެ.

ޑައުން ސިންޑްރޯމަކީ ކުއްޖެއް އުފެދުމުގައި އެ ކުއްޖެއް 21 ވަނަ ކްރޮމޮޒޯމްގައި ތިން 'ކޮޕީސް' އުފެދުމެއް ދިމާވާ ޖެނެޓިކް ޑިސްއޯޑާއެކެވެ. މާނައަކީ އާދައިގެ އިންސާނެއްގެ ގައިގާ 46 ކްރޮމޮޒޯމް ހުންނަ އިރު، ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްގެ ގައިގާ ހުންނަނީ އާދައިގެ އިންސާނަކަށް ވުރެ އެއް ކްރޮމޮޒޯމް ގިނަކޮށް، 47 ކްރޮމޮޒޯމެވެ.

ރާއްޖޭގައި އެފަދަ ކުދިންގެ ރިކޯޑެއް ނެތް ނަމަވެސް، ޑައުން ސިންޑްރޯމްގެ ކުދިންގެ ހެވާ ލާބަޔަށް މަސައްތްކުރާ އަދި އެކުދިންނަށް އެކިކަހަލަ ފަރުވާ ދެމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އަކީ އެ ކުދިންގެ ބައިވެރިންނެވެ. އެ ކުދިންގެ އެހީތެރިންނާއި އާރު ކާޓީންނެވެ.

އަންނަ ހޮނިހިރު ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހާ ގުޅުވައިގެން މިއަދު އެފަދަ ކުދިންނަށް ޓަކައި އެ ޖަމިއްޔާ އިން ވަނީ ހަރަކާތްތަކެއް ރާވާފަ އެވެ. އެ ކުދިންނަށްޓަކައި ތެދުވަން ނިންމާފަ އެވެ.

"އަޅުނގަޑުމެން ޑައުންސިންޑްރޯމް ދުވަސް މިފާހަގަކުރަނީ. އެންމެ ހާއްސަ ޕްރޮގްރާމަކީ މަޖީދީމަގުގެ ދުވާރުމަތީގައި އެއްކޮޅުން އަނެއްކޮޅަށް 21 މިނެޓް ވަންދެން ކޮޅަށް ހުރުން. 21 މިނެޓް ވަންދެން ކޮޅަށް މި ހުންނަނީ ޑައުންސިންޑްރޯމް އާ ވަރަށް ގުޅޭ ނަންބަރަކަށް ވުމުން،" މިއަދު ފާހަގަ ކުރާ ދުވަހާ ބެހޭ ގޮތުން ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް ގެ ފައުންޑަރު އަހުމަދު އަންސާމް ވިދާޅުވި އެވެ.

އެގޮތުން، ޑައުން ސިންޑްރޯމް ކުދިންގެ ދުވަސް ފާހަގަކުރުމަށާއި ޑައުން ސިންޑްރޯމާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އިން މިއަދު ހިންގާ ހަރަކާތް އޮންނާނީ ހަވީރު 5:21 އިން 5:42 އަށެވެ. އަދި އެ ހަރަކާތުގައި ސްކޫލްތަކާއި އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވާއިރު، އެ ޖަމިއްޔާގެ އެދުމަކީ "އާންމު ބޭފުޅުން ވެސް އެ ގެއަކާ ދިމާލުން މަޖީދީމަގަށް ނުކުމެ އެކަމުގައި ބައިވެރި"ވުމެވެ.

ޑައުންސިންޑްރޯމް ކުދިންނަށް ބޭނުންވާ ކަންތައްތަކަށް ފަންޑު ހޯދުމުގެ ގޮތުން ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އިން އަންނަނީ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެން ހާއްސަ ޓީޝާޓަކާއި ދެކުލަ އިސްޓާކީން ޖޯޑުތަކެއް ވެސް ވިއްކަމުންނެވެ.

އަންސާމް ވިދާޅުވީ، ދެ ވައްތަރުގެ ދެ އިސްޓާކީނަށް އެރުމަކީ ތަފާތު ނުވަތަ "އޮޑް" ކަމެކެވެ. އަދި މުޅި ދުނިޔޭގައި ވެސް ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތުން ދައްކުވައި ދެނީ ޑައުން ސިންޑްރޯމް ކުދިންނަކީ ތަފާތު ކުދިންނަށް ވިޔަސް، މުޖުތަމައުން އެކުދިން ބަލައިގަންނަ ކަމެވެ.

ޑައުން ސިންޑްރޯމަކީ އަހަރަކު އުފަންވާ ކޮންމެ 1000 ކުއްޖެގެ ތެރެއިން އެއް ކުއްޖަކަށް ދިމާވާ ކަމަކަށްވާ އިރު، ޑައުން ސިންޑްރޯމަކީ އިންސާނުންނަށް އެންމެ އާއްމުކޮށް ދިމާވާ ކްރޮމޮޒޯމް އެބްނޯމަލިޓީ އެވެ.