ޤާހިރާ : އީރާނުގެ ހަނގުރާމަމަތީ ދެމަނަވަރު ސުވޭސްކެނެލް ހުރަސްކޮށް މެދުތެރޭ ކަނޑަށް ވަނުމަކީ ބިރުދެއްކުމާއި ޖެއްސުމުގެ ޢަމަލެއްކަމަށްބުނެ އިސްރާއީލުން އިންޒާރުތައް ދެމުން ގެންދަނިކޮށް އެދެ އުޅަނދު ސްވޭސް ކެނެލް ހުރަސްކުރުމުގެ ހުއްދަ މިސްރުން ދީފިއެވެ. މިސްރުން ބުނީ މިސްރުގެ އަމްނާއި ސަލާމަތަށް ނުރައްކާނުވާނެ ކަމަށް ފެންނަ ކޮންމެ ޤައުމެއްގެ ކަނޑުގެ އުޅަނދަކަށް ސްވޭސްކެނެލް ހުރަސްކުރުމުގެ ހުއްދަދޭނެ ކަމަށާއި އިރާނާމެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގައެވެ.

އީރާނުންވަނީ އެޤައުމުގެ ހަނގުރާމަމަތީ ދެމަނަވަރު އިއްޔެ ސްވޭސް ކެނެލް ހުރަސްކޮށް މެދުތެރޭ ކަނޑަށްވަންކަން ކަށަވަރުކޮށްދީ މިދެއުޅަނދު އިސްރާއީލުގެ އަވަށްޓެރި ސޫރިޔާގައި ބަނދަރުކުރާނެ ކަމަށް ބުނެފައެވެ. އަދި އީރާނުންވަނީ މިދެއުޅަނދަށް އެއްވެސް ގޯނާ ނުކުރުމަށް އިސްރާއީލަށް އިންޒާރުދީފައެވެ.

މިއީ 1979 ގައި އީރާނަށް އައި އިސްލާމީ އިންޤިލާބަށްފަހު އީރާނުގެ ހަނގުރާމަތީ އުޅަނދެއް ސްވޭސްކެނެލް ހުރަސްކުރި ފުރަތަމަ ފަހަރެވެ. މިއީ އީރާނުން ހިންގާ ޖެއްސުމުގެ ޢަމަލެއް ކަމަށް އިސްރާއީލުގެ މަސްއޫލުވެރިން ވިދާޅުވިނަމަވެސް މިދެއުޅަނދަށް ހަމަލާދީގެން އީރާނާދެކޮޅަށް ހަނގުރާމައެއް ފަށަން އިސްރާއީލަށް ނުކެރޭނެ ކަމަށާ ހިޒްބުﷲ އާއި ހަމާސްއާ ދެކޮޅަށް އެންމެފަހުން ކުރިހަނގުރާމަތަކުގައި އިސްރާއީލަށް ކާމިޔާބު ނުލިބުމުން އިސްރާއީލު މިހާރުވަނީ ޢަސްކަރީ ގޮތުން އަމިއްލަ ނަފްސުގެ އިތުބާރު ގެއްލިފައިވާ މާޔޫސީ ޙާލަތެއްގައި ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އީރާނުގެ ދެކުނުގައިވާ ޢަރަބި ކަނޑުގައި އެމެރިކާއާ ގުޅިގެން ޢަސްކަރީ ތަމްރީންތަކެއް ހެދުމަށްޓަކައި 2009 ވަނަ އަހަރު ޢަރަބި ކަނޑަށް ސަބްމެރިންއެއް ފޮނުވައިގެން އިސްރާއީލުންވެސް އީރާނަށް ޖެއްސުންކޮށް ބިރުދެއްކުމުގެ ޢަމަލުތަކެއް ހިންގާފައިވެއެވެ. އެމެރިކާއިންވަނީ ސްވޭސް ކެނެލް ހުރަސްކުރި އީރާނުގެ ދެމަނަވަރުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ބުނެފައެވެ. -- އަލްޖަޒީރާ، އަލްޢާލަމް