ތޫނިސް (މާޗް 19): ތޫނިސްގެ ދާރުލްއަސާރަކަށް އިއްޔެ ދިން ފަދަ ލޭއޮހޮރުވުން ބޮޑު ހަމަލާތަކުގެ ފަހަތުގައިވާ ޓެރަރިސްޓުންނާ ދެކޮޅަށް އެއްވެސް ރަޙުމެއްނެތި ހަނގުރާމަ ކުރަމުން ގެންދާނެ ކަމަށް އެގައުމުގެ ރައީސް އަލްބާޖީ ގާޔިދު އައްސިބްސީ ވިދާޅުވެއްޖެ އެވެ.

އެ ހަމަލާތަކުގައި ޒަޚަމްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މީހުންގެ ހާލު ބެއްލެވުމަށްފަހު ސިބްސީ ވިދާޅުވީ މިހަމަލާތައް ދީފައިވަނީ ތޫނިސްގައި އޮންނަ މިނިވަންކަމުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެންކަމުގައެވެ. ސިބްސީ ވިދާޅުވީ، މިފަދަ ޓެރަރިސްޓް ހަމަލާތައް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެންއޮތް މަސައްކަތެއް އޭނާގެ ސަރުކާރުން ކުރާނެކަމުގައެވެ.

ތޫނިސްގެ ވެރިރަށުގެ ބާރުދޫ ސަރަހައްދުގައިވާ ދާރުލްއަސާރާއި ޕާލަމެންޓް ހުންނަ އިމާރާތަށް ޓެރަރިސްޓުންގެ ބަޔަކުދިން އިއްޔެ ދިން ހަމަލާތަކުގައި މަރުވެފައިވަނީ ކުށެއްނެތް އާންމުންނެވެ. މި ހަމަލާތަކުގައި 22 މީހުން މަރުވެފައިވާއިރު 24 މީހުން ޒަޚަމްވެފައިވެއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ބޭރުގައުމުތަކުގެ ފަތުރުވެރިންނެވެ.

ތޫނިސްގެ އަމަނާބެހޭ ފަރާތްތައް ލަފާކުރާ ގޮތުގައި މިޙަމަލާތަކުގެ ފަހުގައިވަނީ އިސްލާމް ދީނުގެ ޝިޢާރުތައް އުފުލައިގެން އިސްލާމްދީނުގެ މަތިވެރި އުސޫލުތައް މުގުރައި އިސްލާމްދީނުގެ ނަން ކިލަނބު ކުރުމަށް އަރަބި ބައެއް ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ތޫނިސްގެ ހައްދުފަހަނަޅާފައިވާ ބަޔެކެވެ.

ތޫނިސްގެ އިސްލާމީ ފިކުރުގެ އައްނަހްޒާ މޫމެންޓްގެ ލީޑަރު ރާޝިދުލްޣައްނޫޝީ ވެސްވަނީ އިސްލާމްދީނުގެ ނަން ކިލަނބު ކުރުމަށް މަސައްކަތްކުރާ ތަކްފީރީ ޖަމާއަތައް މިޙަމަލާތަކުގެ ފަހަތުގައިވެދާނެ ކަމަށް ޝައްކުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

ބަދަލުހިފުމުގެ ރޫޙުގައި ހަރަކާތްތެރިވާ މިފަދަ ޖަމާއަތްތަކުގެ ޙަމަލާތައް އަމާޒުކުރަނީ އިސްލާމީ ގައުމުތަކާއި އިސްލާމީ މުޖްތަމައުތައް ހަލާކުކޮށް ވީރާނާ ކޮށްލުމަށް ކަމަށާއި އިރާގާއި ސޫރިޔާއާއި ލީބިޔާގެ އިތުރުން މިސްރުގެ ސައިނާއިންވެސް މިޖަމާއަތްތަކުގެ ހަރަކާތްތައް ފެންނަމުންދާކަން ޣައްނޫޝީ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޖަމާއަތްތަކަކީ އިސްލާމްދީނާ އެއްވެސް ގުޅުމެއްނެތް ބައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޫނިސްގެ އަވަށްޓެރި ލީބިޔާވެސް މިފަދަ ހަރުކަށި ޖަމާއަތްތަކުގެ ހާއްޔަކަށްވަމުންދާތީ ތޫނިސްގެ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. (ނޫސްއެޖެންސީތައް)