19 Mar 2015, 09:38
ލުއި ފަސޭހަ ގޮތަކަށް އިންޖީނު ގަނެވޭނެ ގޮތުގެ ފައިނޭންޝަލް ސްކީމެއް އޭޕްރިލް މަހުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީމް ވިދާޅުވީ އެ ސްކީމްގެ ސަބަބުން އިންޖީނުގެ އަގު އަދާކުރުމުގައި ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.
އެމްޓީސީސީ އަކީ ރައްޔިތުންގެ ކުންފުންޏަކަށް ވާތީ އެ ސްކީމް ތައްޔާރުކުުރުމުގެ ކުރިން އެމްޓީސީސީގެ ޓީމެއް ރަށްރަށަށް ދަތުރުކޮށް މައުލޫމާތު ހޯދި ކަމަށް ހަލީމް ވިދާޅިުވި އެވެ.
"ރައްޔިތުންނާއި އޮޑިވެރިންނާއި މަސްވެރިންނާއި މަޝްވަރާކޮށްފަ، އެ ބޭފުޅުންނަށް ދިމާވާ ދަތިތައް އިހްސާސްތައް އަޅުގަނޑުމެން އަޑުއަހާފައި ވާނެ،" ހަލީމް ވިދާޅިވި އެވެ.
ސްކީމް ތައްޔާރުކުުރުމުގައި އެ ދަތުރުތަކުން ލިބުނު މައުލޫމާތު ބޭނުން ހިފާފައިވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެ ސްކީމްގެ ދަށުން ނަގާ އިންޖީނަށް އެޑްވާންސްގެ ގޮތުގައި 20 ޕަސެންޓް ދައްކަންޖެހެ އެވެ. އަދި ފުރަތަމަ ތިން މަސް ދުވަހު ފައިސާ ދައްކަން ނުޖެހެ އެވެ. އިންޖީނަށްވާ ފައިސާގެ ބާކީބައި ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެ ސްކީމްގެ ދަށުން ލިބެނީ އެމްޓީސީސީން ވިއްކާ ޔަންމާ އިންޖީނު އެކަންޏެވެ.
އަތޮޅު ތެރޭގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މާލެ ނައިސް އިންޖީނުގެ ސްޕެއާ ޕާޓްސް އާއި ކާސްޓްރޯލް އަދި ސިގްމާ މެރިން ޕެއިންޓް ލިބޭނެ އިންތިޒާމެއް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ހަަމަޖެހިގެންދާނެ ކަަމަށް ހަލީމް ވިދާޅުވި އެވެ. އެ ހިދުމަތްދޭނީ އަތޮޅު ތެރޭގައި ގާއިމުކުރާ އެޖެންޓުން މެދުވެރިކޮށް ކަމަށް ހަލީމު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުރިހާ އަތޮޅަކަށް އެ ހިދުމަތް ލިބޭނެ ކަމަށާއި "މާލެ އެކޭ ދާދި އެއް އަގެއްގައި" ތަކެތި ލިބޭނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ޔަންމާ އަދި ސުޒުކީ އިންޖީނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސްވެރިންނަށް މިހާރު ދަތިތައް ދިމާވަމުންދާ ކަަން ހަލީމް ފާހަގަކުރެއްވި އެވެ.
"މައްސަލައެއް ދިމާވާ ކޮންމެ ފަަހަރަކު މާލެ އައިސް ސްޕެއާ ގަތުމާއި ނޫނީ ބައެއް ފަހަރު [އިންޖީނަށް] ދިމާވާ މައްސަލަ ނޭނގުމުގެ"ސަބަބުން މަސްވެރިން ކުރަންޖެހޭ ޚަރަދު އިތުރުވޭ،" ހަލީމް ވިދާޅުވިއެވެ. "އެކަން ހައްލު ކުުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ސަރަހެއްދެއްގައި އެމްޓީސީސީ ގަބޫލުކުރާ ފެންވަރުގެ އިންޖިނިއަރުން ގާއުމުވެ ތިބޭނެ. އަންނަ މަހުން ފެށިގެން މި ލުއިފަސޭހަކަން މަސްވެރިންނާއި އޮޑިވެރިންނަށް ލިބިގެންދާނެ،"
ރާއްޖޭގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން ގިނަ އުޅަނދުފަހަރުގައި ބޭނުން ކުރަނީ ޔަންމާ އިންޖީނެވެ.