ކޮޗިން އިން ރާއްޖެއަށް މުދާ އެތެރެކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް އެހީތެރިކަށް ފޯރުކޮށްދޭނެ ކަަމަށް ކޮޗިންގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގަވާނިން ބޮޑީގެ މެމްބަރެއް ކަމަށްވާ އަންވަރު ހާޝިމް ވިދާޅުވެއްޖެ އެވެ.

ކޮޗިންގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ކޮޗިން ޕޯޓް ޓްރަސްޓުގެ ބައެއް ބޭފުޅުންވަނީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ބައްދަލުކުުރުމަށް ރާއްޖެ ވަޑައިގެންފަ އެވެ.

މި ދަތުރުގައި ބައިވެރިވާ ކޮޗިންގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާ ގަވާނިން ބޯޑުގެ މެމްބަރު އަންވަރު ހާޝިމް ވިދާޅުވީ، ކޮޗިންގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް އެބަހުރިކަމަށެވެ.

"އަޅުގަނޑުމެން އެހީތެރިވެދޭނަށް އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށާއި ފެކްޓްރީ ތަކަށާއި ދަނޑުވެރިކަން ކުރާ ސަރަހައްދުތަަކަށް ޒިޔާރަތް ކުރުމަށް ވެސް،" އަންވަރު ވިދާޅުވި އެވެ.

ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ޗެމްބާގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ރާއްޖެއަށް އާންމުކޮށް މުދާ ގެންނަ ޓުޓިކޮރިން އަށްވުރެ ކޮޗިން އިން މުދާ ގެންނަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ކަަމަށެވެ.

"އަޅުގަނޑުމެންނަށް ފުރިހަމަ މައުލޫމާތު ލިބޭނީ ކޮޗިން އަށް ގޮސް ބަލާލީމާ. އެތަނުގަ ވަސީލަތްތަކާއި މުހިއްމު އެކި ކަންތައް އެނގޭނީ މެއި މަހު ކުރާ ދަތުރަށް ފަހު،" އިސްމާއިލް އާސިފް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އާއި ކޮޗިން ޕޯޓް ޓްރަސްޓު ގުޅިގެން އިންޑިއާ އިން މުދާ ގެނައުމަށާއި އިންޑިއާއަށް މުދާ ފޮނުވުމުގައި މިހާރަށް ވުރެ އެކަށޭނެ ގޮތްތަކެއް ރޭވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.