19 Mar 2015, 09:26
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދެމުންގެން އަންނަ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށް، ފުޅާ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރު އޮފް އެޑިޔުކޭޝަން، ޢައްޒާމް ބިން މުޙަންމަދު އާލް-ދަޚީލް މަޝްވަރާ ކުރައްވައިފި އެވެ.
އެބޭފުޅުން މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސަޢޫދީ ޢަރަބިއްޔާގެ އެޑިޔުކޭޝަން މިނިސްޓަރު އިއްޔެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ބައެއްގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާގެ އެހެން ބައެއް ވަޒީރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވެވި އެވެ. އެގޮތުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރު އޮފް ޑިފެންސް، މުޙަންމަދު ބިން ސަލްމާން އާލް-ސަޢުދާއި، މިނިސްޓަރު އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް، ޢަލީ ބިން އިބްރާހީމް އާލް-ނަޢީމީ އާއި، މިނިސްޓަރު އޮފް ފިނޭންސް، އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-ޢައްސާފާއި، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، އިންޑޯމެންޓްސް، ކޯލް އެންޑް ގައިޑެންސް، ޞާލިޙް ބިން ޢަބްދުލްޢަޒީޒް އާލް އައްޝައިޚް ހިމެނިވަޑައިގަންނަވަ އެވެ.

ވަކިވަކިން އޮތް މި ބައްދަލު ކުރެއްވުންތަކުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުން، އެބޭފުޅުންގެ ވުޒާރާތަކުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވެވި އެވެ. އަދި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން އެ ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވެވި އެވެ.
ސައުދީ އަރަބިއްޔާއަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމާގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައި އެވެ.
ރަސްމީ ވާހަކަފުޅުތަކުގައި، ދެ ގައުމު ދެމެދުގައި އޮންނަ ދުވަސްވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ރާއްޖޭގެ ތަރައްގީގައި ސަޢޫދީ ޢަރައްބިއްޔާގެ އެހީތެރިކަން އިތުރުކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އިސްލާމީ ވަހުދަތު ހަރުދަނާކުރުމަށް، ސަޢޫދީ ޢަރަބިއްޔާއާއެކު މަސައްކަތްކުރެއްވުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.