18 Mar 2015, 22:21
ދިވެހިރާއްޖެ އާއި ސައުދީ ޢަރައްބިއްޔާއާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމާގުޅޭ ގޮތުން ވެސް ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
ދެ ގައުމުގެ ރަސްމީ ވާހަކަފުޅުތައް އޮތީ މިއަދު ހަވީރު ސައޫދީ ރަސްގެފާނުގެ ޝާހީ ގަނޑުވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމެވެ. ސަޢޫދީ ޢަރައްބިއްޔާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދެވެ.
ރަސްމީ ވާހަކަފުޅުތަކުގައި، ދެ ގައުމު ދެމެދުގައި އޮންނަ ދުވަސްވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ރާއްޖޭގެ ތަރައްގީގައި ސަޢޫދީ ޢަރައްބިއްޔާގެ އެހީތެރިކަން އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އިސްލާމީ ވަހުދަތު ހަރުދަނާކުރުމަށް، ސަޢޫދީ ޢަރަބިއްޔާއާއެކު މަސައްކަތްކުރެއްވުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ސަޢޫދީ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއެއް ގައިމުކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޑޮކްޓަރު މުޙަންމަދު ޝައިނީއާއި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރު މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި އެވެ.
