18 Mar 2015, 21:13
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކުރި ޝަރީއަތް ހިންގީ އިންސާފުވެރިކަމާއި ހަަމަހަމަ ކަމާ އެކުގައި ނޫން ކަމަށް ކަމަށް އެކުވެރި ދައުލަތް (އދ)ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރައާދު އަލް ހުސެއިން ވިދާޅުވެއްޖެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ޒައިދު ވިދާޅުވެފައިވަނީ، ނަޝީދުގެ ޝަރީއަތް ގެންގޮސްފައި ވަނީ ނަޝީދުގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ، "އަވަސް އަރުވާލައިގެން" ކަމަށެވެ.
"ނަޝީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނުތަކާ ބައިނަލްއަގްވާމީ މިންގަނޑުން ބަލާ އިންސާފުވެރި ޝަރީއަތްތަކާ ވެސް ނުބައްދަލު ނިންމުމެއް،" ޖޯޑަން އިން އދ. އަށް ކުރިން ކަނޑައަޅުއްވާފައި ހުރި އެމްބެސެޑަރު ޒައިދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ކުރިން އުފުލި ދައުވާ އަނބުރާ ގެންދިއުމަށްފަހު ކަމަށާއި ނަޝީދު ހައްޔަރުކުރިތާ އެއް ދުވަސް ފަހުން ޝަރީއަތް ފަށައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލި ކަމަށް ޒައިދުގެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވީ، ނަޝީދުގެ މައްސަލައިގެ ތަހުގީގަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަ ޖެނެރަލް ބަޔާން ދެއްވާފައި ވާތީއާއެކު އެ މައްސަލައަށް ފުށުއަރާ، ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށެވެ.
ޒައިދުގެ ބަޔާނުގައި އެހެން ބުނެފައިވިޔަސް، ނަޝީދުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެ އެވެ.
ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނު ހިނގަންޖެހޭނެ ކަމަށް ފާހަގަކުރައްވައި ޒައިދު ވަނީ، ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދެވެން ޖެހޭނީ ވަރަށް ބޮޑަށް ބަލައިގެން އަދި ދެފުށް ފެންނަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ޝަރީއަތާ ގުޅިގެން ރާއްޖޭގެ ޝަރުއީ ނިޒާމަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަށް ފާހަގަކުރައްވާ ޒައިދު ވިދާޅުވީ، އިންސާފުވެރި ކަމާ ހަމަހަމަ ކަމާއެކު ކުރިއަށް ގެންދެވިފައި ނުވާ ޝަރީއަތް، އިސްތިއުނާފުގެ މަރުހަލާގައި ރަނގަޅުކުރެވިދާނެ ކަމަށެވެ.
"ރާއްޖޭގެ ޖުޑީޝަރީ އާމެދު ރާއްޖެއާއި ބައިނަލްއަގްވާމީ ގޮތުން ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދުމަށް ނަޝީދުގެ ޝަރީއަތުގެ އިސްތިއުފާނުގެ މަރުހަލާ އޮބްޒާވު ކުރުމުގެ ފުރުސަތު ބައިނަލްއަގްވާމީ ފަރާތްތަކަށް ދިނުމަށް ގޮވާލަން،" ޒައިދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ މައްޗަށް ކުރި ހުކުމާމެދު އދ އިން ކަންބޮޑުވުންފާޅުކޮށް ބަޔާން ނެރުނުއިރު، އެ ހުކުމާ ގުޅިގެން އެމެރިކާ އާއި އިންޑިއާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވެސް ވަނީ ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.