ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒުމީލް އަބުދުއްސަމަދު ވިދާޅުވީ އެންޑީއޭ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެފައިވާ ކަމަށެވެ.

ތަޒުމީލް ވިދާޅުވީ އެންޑިއޭގެ އެންމެ އިސްވެރިއަކަށް އުމަރު ނަސީރު ހަމަޖެއްސެވުމާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހުރިހާ ކަމެއްހެން މި ވަގުތު ކުރިއަށްދާނީ މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެން އަންނަ މަސައްކަތުގެ ދަށުން ރާއްޖެ ގެންނަން ނިންމާފައިވާ ޑޯގް ސްކޮޑު (ފާރަގެމަ)ގެ މަސައްކަތް ވެސް ކުރިއަށްދަނީ ސީދާ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.

ތަޒުމީލް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނެސް އެ މީހުންނަކީ މުޖުތަމައަށް ފައިދާ ކުރާ ބަޔަކަށް ހެދުމަށް މިނިސްޓަރު ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.