19 Feb 2011, 12:42
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެކި ފަހަރުމަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާ ސޯމާލިޔާގެ 34 މީހުން ވަރަށް އަވަހަށް ފޮނުވާލުމަށް ނިންމާފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ސޯމާލިޔާ 34 މީހުންގެ ތަހުގީގު ކުރެވެން ހުރި ވަރަށް ކޮށް ނިމިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ ސޯމާލިއާ 34 މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންގެ ކިބައި އަދިވެސް މައުލޫމާތު ބޭނުންވާ ކަމަށެވެ.
ސޯމާލިޔާގެ ބައެއް މީހުން އަތުން އިތުރު މައުލޫމާތު ބޭނުންވާއިރު ފޮނުވާލަނީ ކީއްވެ ކަމެއް ޝިޔާމް ވިދާޅެއްނުވި އެވެ.
"އެ އެންމެންގެވެސް ތަހުގީގު ކުރެވެން ހުރި ވަރަށް މިހާރު ކޮށްފަ އެތިބީ. ބައެއް މީހުންގެ އެބަ އުޅޭ ބަލަންޖެހޭ އިތުރު ކަންކަން. އެކަމަކު އެ އެންމެންވެސް މިހާރު ފޮނުވާލުމުގެ މަސައްކަތް ކުރިއަށް މިދަނީ. ބައިބަޔަށް އެ މީހުން ފޮނުވޭ ވަރަކުން އެ މަސައްކަތް ކުރިއަށް ދާނީ،"ޝިޔާމް ވިދާޅުވި އެވެ.
ގައުމީ ދިފާއީ ބާރުން ވެސް މިއަދު ބުނީ ރާއްޖޭގައި ތިބި ސޯމާލިޔާގެ މީހުން މީހުން ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ މި ދިޔަ އަހަރެއްހާ ދުވަހު ރާއްޖެއަށް ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން ކުރިމަތިވެ އެމީހުންގެ ނިޝާންތައް ރާއްޖޭގެ ސަރަހައްދުން ފެންނަމުން ދިޔަނަމަވެސް އެ މީހުންގެ ހަރަކާތްތައް މިދުވަސްވަރު މަދުވެފައިވާ ކަމަށާއި ނަމަވެސް އެއީ ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމުން ރާއްޖެ ސަލާމަތް ވުމުގެ ނިޝާނެއް ނޫން ކަމަށެވެ.
އޭޝިޔާގެ ބޮޑެތި ކަނޑުތަކަށް ސޯމާލިޔާގެ ކަނޑު ފޭރޭ މީހުން ފެތުރި، ފޭރޭ މީހުންގެ ނުރައްކާތަކާއި ދުއްތުރާތައް އެންމެ ބޮޑީ ދިވެހިރާއްޖެއަށް ކަމަށް އެމެރިޔާގެ އަސްކަރިއްޔާއިން ވަނީ މިދިއަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ ސޯމާލިޔާގެ ބަޔަކާއި އެކު އުޅަދުތަކެއް އަތުލައިގެންފަ އެވެ. އެއީ ގދ. ތިނަދޫ ބޭރުން ތިން މީހުންނާއި އެކު އަތުލައިގަތް ޑިންގީއަކާ އަދި ފުވައްވުމުލަކު ފަޅުތެރެއިން އަތުލައިގަތް ހަތް މީހަކު ތިބި ޑިންގީއެކެވެ. މީގެ އިތުރުން އދ. މަހިބަދޫ ބޭރުންވެސް މަސްވެރިންގެ ބަޔަކު ވަނީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ބޭނުން ކުރާކަހަލަ ޑިންގީއެއް އަތުލައިގެންފަ އެވެ.