18 Mar 2015, 18:36
އޭއެފްސީ ކަޕްގައި މިއަދު މިޔާންމާގެ ކްލަބެއް ކަމަށްވާ އަޔެވާދީ ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ނިއުރޭޑިއެންޓް މުބާރާތުގެ ގްރޫޕް 'އެޗް' ތާވަލްގެ ތިންވަނައަށް ވެއްޓިއްޖެ އެވެ.
މިހާތަނަށް މުބާރާތުގައި ތިން މެޗު ކުޅެފައި ވާއިރު، އޭގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރެވުނު ނިއު ތާވަލްގެ ތިންވަނައިގައި މިޙާރު އޮތީ ތިން ޕޮއިންޓާއެކީ އެވެ. އަދި ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވެ، މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އަޔެވާދީ މިހާރު ތާވަލްގެ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ނިއު ވަނީ ގިނަ ވަގުތު ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ނިއުގެ ފޯވާޑް ލައިނުން ކެޕްޓަން އައްސަދު (އަޑޭ) އާއި މޯލީ އަދި ވިލިއަމްއަށް ވަނީ ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ގިނަ ވަގުތު ނިއު ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، އަޔެވާދީވެސް ވަނީ އެ ހާފްގައި ނިއުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ކޮޅު އެ ޓީމްގެ ރިސްޓޭ ނައުމޯވް އާއި އެޑިސަން ފޮންސެކާއަށް ދެ ތިން ރަނގަޅު ފުރުސަތެއް ލިބިފައި ވާއިރު، އެ ޓީމަށް ވަނީ އަވަސް ލީޑެއް ނެގޭގޮތް ނުވެފައެވެ.
އަޔެވާދީ މެޗުގެ ލީޑު ނެގީ 34 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ކޯނަރަކުން ޕެނަލްޓީ އޭރިއާތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިން، އަޔެވާދީގެ ކޮލަމްބިއާ ކުޅުންތެރިޔާ ފޮންސެކާ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ނިއުއަށް ނަތީޖާ ހަމަހަމަ ކުރެވިފައި ނުވިނަމަވެސް، ދެވަނަ ހާފް އެ ޓީމް ފެށީ ރަނގަޅު ހަމަލާތަކަކާ އެކީ އެވެ. އެ ހާފްގެ ފުރަތަމަ ވަގުތުކޮޅު ނިއުއަށް ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވާނަމަވެސް، އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.
އަޔެވާދީ މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށްލީ ފުރިހަމަ ވަގުތު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މިދިޔަ ސީޒަންގައި ރާއްޖޭގެ މާޒިޔާއަށް ކުޅުނު ރިސްޓޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭ އެ ޓީމްގެ ތިންވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރިސްޓޭ އެވެ.