ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދައުލަތުން ނުފޫޒު ފޯރުވާ ކަމަށް ނާޒިމްގެ ވަކީލުން ތުހުމަތު ކުރައްވައިފި އެވެ.

މިއަދު 11 ޖެހި އިރު ފެށިގެން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ވަކީލުން ހެކިން ކުރެ ޕީޖީ ވަކީލުންނާ ބައްދަލު ކުރެއްވިންތޯ އާއި ކިހާއިރެއްގެ ބައްދަލުވުމެއްތޯ ސުވާލުކުރުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ "ހެކިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން" ކަމަށާއި އެހެން ކަމުން އެކަން ކުރެވޭނެ ކަމަށެވެ. ދިފާއުގައި ނާޒިމްގެ ވަކީލުންގެ ޓީމުގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ "ހެކިންނަށް ނުފޫޒު ފޯރުވުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް" ކަމަށެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭތީ އެ ސުވާލު އުފެއްދީ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

މައުމޫނު ހަމީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސިއްރި ހެއްކެއްގެ ގޮތުގައި ހެކިބަސް ދިން ފުލުުސް މީހާ ވިދާޅުވީ "ވަކިގޮތަކަށް ބުނަން ނުވަަތަ ވަކި އެއްޗެއް ކިޔާދޭން ވަކީލުން އަޅުގަނޑަށް މަޖުބޫރުކޮށްފަ އެއް ނުވޭ" ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ކުރެވޭނެ ސުވާލުތަކާއި ބެހޭގޮތުން މަޝްވަރާ ނުކުރައްވާ ކަމަށާއި، ދައުލަތުގެ ވަކީލުން އެދުނީ "ތެދުބަހުން ހެކިބަސް ދިނުމަށް" ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެކިންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެ ދެމީހުންނަކީވެ ސް ނާޒިމްގެ ގެއިން ހަތިޔާރު ފެނުން ރޭ ފުލުހުންގެ ޓީމާއެކު ހަރަކާތްތެރިވި ދެ ފުލުހުންނެވެ. ދެ ހެކިންގެ ހެކިބަހުގައި ކަން ހިނގާ ދިޔަގޮތް ކިޔާ ދީފައިވާ އިރު، ބައެއް ކަންތައްތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާޙަގަވި އެވެ. އެގޮތުން ނާޒިމްގެ ކޮޓަރީގައި ސީލިންގުގައި ބޮކި ހަރުކޮށްފައިވާ ތަނާ ދިމާލުން އެއްޗިހި ލެވޭ ގޮތަށް ހުރި ތަނެއް ފާސްކުރިންތޯ ނާޒިމްގެ ގާނޫނީ ޓީމުން ސުވާލުކުރުމުން ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާ ބުނީ އެތަން ބަލައި ފާސް ނުކުރާ ކަމަށެވެ. ނަމަވެސް ދެވަނައަށް ހެކިބަސް ދިން މީހާ ބުނީ އެތަން ބަލާ ފާސް ކުރި ކަމަށާއި އެތަން ފާސްކޮށްފައި ވަނީ ސިޓިންގް ރޫމުގައި ހުރި ގޮނޑިއެއް ކޮޓަރިއަށް ގެންދިއުމަށްފަހު ގޮނޑިއަށް އަރައިގެން ކަމަށެވެ.

އެކަމާ ގުޅުވައިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވިދާޅުވީ ގޮނޑިއެއް ގެންގޮސް އޭނާގެ ކޮޓަރީގައި ބޮކި ހަރުކޮށްފައި ހުރިތަން ބަލާފައި ނުވާ ކަމަށެވެ. މިއަދު ހެކިބަސް ދިން ދެ ފުލުސް މީހުން ވެސް ބުނެފައި ވަނީ ގ. އެނިފް ބަލާ ފާސްކުރުމަށް އެގެއަށް ދިޔައިރު އެއީ ކާކުގެ ގެއެއްކަން ނޭންގޭ ކަމަށެވެ. އަދި އެގެއަށް ވަންއިރު ނާޒިމް ސޯފާގައި އިންނެވި ކަމަށާއި، ގެ ބަލައި ފާސްކޮށްފައި ވަނީ ނާޒިމުގެ ހާޒިރުގައި ކަމަށެވެ. އަދި ފިސްތޯލައަކާއި ތިން ވަޒަނުގެ އިތުރުން މެގަޒިންއެއް ފުނުނު ކަމަށް ދެ ހެކިން ވެސް ވަނީ ބުނެފަ އެވެ.

ނާޒިމްގެ ގެ ބަލާ ފާސްކުރުމަށް ދިޔަ ފޮރެންސިކް ފުލުހުން ގެންދިޔަ ދަބަސް ނާޒިމަށް ވެސް އަދި އިތުރު މީހަކަށް ވެސް ދައްކާފައި ނުވާ ކަމަށް ހެކިން ވަނީ ބުނެފަ އެވެ. އަދި ޖެނުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ ނާޒިމްގެ ކޮޓަރި ފާސް ކުރި އިރު ފޮޓޯ ނެގި ކަމަށާއި ނަމަވެސް ވީޑިއޯ ނަގާފައިނުވާ ކަމަށް ހެކިން މިއަދު ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ނާޒިމްގެ ވަކީލުން މައްސަލަ ކުރިއަށްގެންދާ ފަނޑިޔާރުންނާއި މައްސަލައަށް ނުފޫޒު ފޯރާގޮޮތަށް ތަފާތު ވާހަކަ ދެކެވޭކަން ފާހަގަކޮށް ފަނޑިޔާރުން ވިދާޅުވީ އެފަދަ ކަންކަން ތަކުރާރު ވާނަމަ ޝަރީއަތުގެ މަޖިލިސް ސިއްރުކުރަން ޖެހިދާނެ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ހެކިންނާއި ސުވާލުކުރުމުގައި ފަނޑިޔާރުން ހުށަހަޅާ ކަންކަމަށް ނުބަލާނަމަ ސުވާލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ފަނޑިޔާރުން މިއަދު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް މިއަދު ވަނީ ނަގާ ނިމިފަ އެވެ. ޝަރީއަތުގެ އިތުރު އަޑުއެހުމެއް މާދަމާ ބޭއްވުމަށް ފަނޑިޔާރުން ވަނީ ނިންމަވާފަ އެވެ.