18 Mar 2015, 17:33
ރަޝިޔާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ 'މޮސްކޯ އިންޓާނޭޝަނަލް ޓްރެވެލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން' މިއަދު ފަށައިފިއެވެ.
މި ފެއާގައި ރާއްޖޭގެ ތޭވީސް ކުންފުންޏަކުން 41 ފަރާތުން ބައިވެރިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރުކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ އިބްރާހިމް އާސިމް ވިދާޅުވި އެވެ. މޮސްކޯގައި ހުންނެވައި 'ސަން' އަށް މައުލޫމާތު ދެމުން އިބްރާހިމް އާސިމް ވިދާޅުވީ އެ ފެއާގައި ރަޝިޔާގެ މީޑިއާ އާއި ބައްދަލުކޮށް ރާއްޖެ އާއި ބެހޭމައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގައި އަލަށް ހުޅުވޭ ރިސޯޓްތަކުގެ މައުލޫމާތު ދޭނެ ކަމަށް އާސިމް ވިދާޅުވި އެވެ.

މޮސްކޯގައި ކުރިޔަށްދާ މިޓް ފެއާ 2015 - ފޮޓޯ: އެމްއެމްޕީއާރުސީ
މި މަހުގެ 18 އިން 21 ގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި ދުނިޔޭގެ 203 ގައުމަކުން 2056 ފަރާތުން ބައިވެރިވެ އެވެ.
ރަޝިޔާއަކީ ހަތަރު ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން 2014 ވަނަ އަހަރު ރަޝިޔާއިން 66،308 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2013 ވަނަ އަހަރާއި އަޅައިބަލާއިރު 13.3 އިއްސައްތަ ދަށް އަދަދެކެވެ.

މޮސްކޯގައި ކުރިޔަށްދާ މިޓް ފެއާ 2015 - ފޮޓޯ: އެމްއެމްޕީއާރުސީ