ބުރަ މަސައްކަތާ އެކު އަދި ފަހު ވަގުތު، ފަލަސްތީނަށް ދައުލެއް އުފެއްދުމުގެ ޖާގަ ނުދޭނެ ކަމުގެ ވައުދާ އެކު އިޒުރާއީލުގެ އިންތިހާބު ބޮޑުވަޒީރު ނަތަންޔާހޫ ކާމިޔާބުކޮށްފި އެވެ.

ނަތަންޔާހު ކެމްޕޭންގައި ވިދާޅުވީ ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށް އިތުރު އިމާރާތްތައް ހައްދަވާނެ ކަމަށާއި އަދި އޭނާ އިންތިހާބުކޮށްފި ނަމަ ފަލަސްތީންނު މީހުންނަށް ވަކި ދައުލަތެއް ހެދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ެރޮއިޓާސް އިން މިއަދު ބުނީ މިއަދުގެ ނިޔަލަށް ގުނި 99.5 ޕަސެންޓްގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން 120 ގޮނޑީގެ މަޖިލީހުގެ 29-30 ގޮނޑި ނަތަންޔާހޫގެ ލިކިއުޑް ޕާޓީ އިން ހޯދާފައިވާ ކަމަށެވެ. އަދި އެ އަދަދަކީ އެ ޕާޓީއާ އެންމެ ގާތުން ވާދަ ކުރި ވާތުފިޔައިގެ ޒައިނިސްޓް ޕާޓީ އަށް ލިބުނު 24 ގޮނޑިއާ އަޅާ ބަލާ އިރު، ނަތަންޔާހޫ އަށް ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ލިބިފައިވާ އަދަދެއް ކަމަށެވެ.

އެއީ ހައިރާން ކުރުވަނިވި ނަތީޖާއެކެވެ. އިންތިހާބު ބޭއްވުމުގެ ހަތަރު ދުވަސް ކުރިން ނެގި ހިޔާލު ހޯދުމުގެ ޕޮލަކުން ދެއްކި ގޮތުގައި ނަތަންޔާހޫގެ ވާދަވެރި، ޒައިނިސްޓް ޔުނިއަން އުޅުނީ ހަތަރު ގޮނޑި ކުރީގަ އެވެ. ނަމަވެސް ނަތީޖާ ދެެއްކި ގޮތުން ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ލިބިފައި ވަނީ ނަތަންޔާހޫ އަށެވެ. އަދި އޭރުން އޭނާ ވަނީ އިޒުރާއީލުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ލީޑަރަށެވެ.

ލިކުޑް ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީ އިން ހަފްތާއެއްގެ ތެރޭގައި ސަރުކާރެއް ގާއިމު ކުރާނެ ކަމަށެވެ.