ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ފެބްރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް ރަށްރަށުގައި ތިބި ފުލުހުންނަށް ލިބިގެންދިޔަ ގެއްލުންތަކުގެ ބަދަލު ދިނުމަށް ސަރުކާރުން ނިންމަވައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.

މިއަދު އޮތް ފުލުހުންގެ މެނޭޖްމަންޓް ބޯޑުގައި އެކަން އިއުޢުލާންކޮށްދެއްވައި އެކަމުގެ މަޢުލޫމާތު ފުލުހުންގެ އިސްވެރިންނާ ޙިއްސާކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.

އެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ޙުސައިން ވަޙީދު ވިދާޅުވީ ފެބުރުއަރީ 8 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ބައެއް ރަށްރަށުގައި ވަކި ވަކި ފުލުހުންނަށާއި ފުލުހުންގެ ތަކެއްޗަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އެ ގެއްލުންތަކުގެ ބަދަލު އަދި މިހާތަނަށް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ އެ ދުވަހު ގެއްލުން ލިބުނު ފުލުހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ވަރަށް އަވަހަށް ހަމަޖައްސަވައި ދެއްވަން ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ފުލުހުން ބުނީ ފެބުރުއަރީ 8 ގައި މާލެއާއި އަތޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ވަކިވަކި ފުލުހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެގޮތުން ބައެއް ފުލުހުންގެ ސައިކަލުތަކުގައި ހުޅުޖަހައި އަންދާލައި ފުލުހުން ބޭނުންކުރަމުންދިޔަ ފޯނާއި ލެޕްޓޮޕްފަދަ އަގުހުރި މުދަލާއި ބޭނުންކުރި ހެދުމާއި އެހެނިހެން ތަކެއްޗަށް ގެއްލުންދީ އަންދާލާފައިވާ ކަމަށާއި ބައެއް ފުލުހުން އެ ވަގުތު ގައިގާ އޮތް ޔުނީފޯމް ނުވަތަ އެވަގުތަކު ލައިގެންހުރި ހެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތި އަންދާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ދުވަހު ބައެއް ރަށްރަށުން ފުލުހުން ގެތަކުން ނެރެ، މަގުމަތި ކުރި ކަމަށް ފުލުހުން ބުންޏެވެ.