18 Mar 2015, 17:00
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ތިލަފުށީގައި ގާއިމް ކުރާ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން ދުބާއީ ވޯލްޑާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި އިކޮނަމިކް ކައުންސިލްގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދީބު ވިދާޅުވީ، އެމްއޯޔޫގައި ސޮއި ކުރުމަށް އިކޮނަމިކް ކައުންސިލްގެ ފަރާތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫތު މިނިސްޓަރު މަލީހު ޖަމާލް މިރޭ ދުބާއީއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
އަދީބު ވިދާޅުވީ، ވަރަށް ގިނަ އެޑްވާންސް ވާހަކަ ތަކެއް ދުބާއީ ވޯލްޑާއެކު ދެކެވިފައިވާ ކަމަށެވެ. އެގޮތުން އެބޭފުޅުން ބޭނުންވަނީ ސަރުކާރާއި ޖޮއިންޓް ވެންޗާ ހަދައިގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ، މުޅި އިންވެސްޓްމަންޓަށް އިންވެސްޓު ކުރަނީ ދުބާއީ ވޯލްޑުން ކަމަށެވެ. އަދި އެތަނުގައި ގާއިމް ކުރާ ފްރީ ޒޯނާއި އެސަރަހައްދު ހިއްކުމާއި ރިވެޓްމަންޓު ޖެހުމާއި މުޅި ޕޯޓުގެ ފެސިލިޓީ ގާއިމް ކުރުމާއި މުޅި އޮޕަރޭޝަނުގެ ހުރިހާ ކަމެއް ކުރާނީ ދުބާއީ ވޯލްޑުން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް އިންވެސްޓްމަންޓްގެ ޔަގީންކަން ދުބާއީ ވޯލްޑުން ދީފައިވާ ކަމަށެވެ.
އަދީބު ވިދާޅުވީ ސަރުކާރުން ވެސް ހުށަހަޅާ ކަންތައްތަކެއް ހުރި ކަމަށާއި އެގޮތުން އެމީހުން ރާއްޖެއާއެކު ހަދާނީ ކިހާވަރެއްގެ ޖޮއިންޓްވެންޗަރެއްތޯ އާއި އަދި ޖޮއިންޓްވެންޗާ ހަދަންޏާ ޕްރައިވެޓައިޒޭޝަން ގާނޫނާއި އެ ގާނޫނުގެ ތެރެއިން މަޖިލީހަށް ދާންޖެހޭތޯ އާއި އެ ގާނޫނުގެ ތެރެއިން ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅަންޖެހޭތޯ ހިމެނޭ ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ 250 މިލިއަނާއި 300 މިލިއަނާ ހިސާބަށް، ތިން ފޭސް އަކަށް ބަހާލައިގެން މި އިންވެސްޓްމަންޓްތައް ދާނެ،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ، ގައުމެއްގެ އެއާޕޯޓާއި ބަނދަރު ތަރައްގީނުކޮށް އެގައުމެއްގެ ތަރައްގީ ނުގެނެވޭނެ ކަމަށެވެ.