18 Mar 2015, 16:30
މިހާތަނަށް އެއްމަހެއްގައި އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އިކޮނަމިކް އެންޑް ޔޫތު ކައުންސިލުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަދީބު ވިދާޅުވީ، މިދިޔަ މަހު ޓޫރިސްޓުން ރާއްޖެއަށް އައި މިންވަރު 8.8 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު އެއްލައްކަ ވިހިހާސް ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ އެއްލައްކަ ދިހަ ހާސް ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެއްމަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން އައިފަހަރެވެ.
"މިހާތަނަށް މިވީ 40 އަހަރުގެ ތެރޭ އެއްމަހެއްގައި އެންމެ ގިނައިން (ޓޫރިސްޓުން) އައިމަހަކީ މިދިޔަ މަސް،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ޓޫރިސްޓުން އައި މިންވަރު ދަށްވެގެން ދިޔައިރު އޭގައި ގްލޯބަލް ޓްރެންޑް ވެސް ހިމެނޭ ކަމަށެވެ. އަދި މިއަހަރުގެ ފެބުރުއަރީ މަހު މިހާ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިއިރު، މިއަހަރުގެ ޗައިނީސް ނިއުއާ ދިމާވެފައިވަނީ ފެބުރުއަރީ މަސް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ޓްރެވަލް ގުރޯތު ދަށަށް ނުދާކަން ސްޓެޓިސްޓިކްސް އަށް ބަލާލުމުން ފެންނަ ކަމަށެވެ.
މިނިސްޓަރު އަދީބު ވިދާޅުވީ މިރާއަށް ލިބުނު އާމްދަނީ އަށް ބެލި ނަމަވެސް ޖެނުއަރީގެ އިންކަމް މިދިޔަ އަހަރަށް ވުރެ އިތުރު ކަމަށެވެ.
އަދީބު އަދި ވިދާޅުވީ އާ އަހަރު ފާހަގަ ކުރަން ރާއްޖޭގައި ބޭއްވި ޝޯގައި ޕްރިޔަންކާ ޗޯޕްރާ ބައިވެރިވި ފަހުން އިންޑިއާގެ ބޮޑެތި ސެލެބްރިޓީން ކެނޑިނޭޅި ކޮންމެ މަހަކު ރާއްޖެ އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"މިއީ ފްރީ އެތަށް ބައިވަރު މާކެޓިން އެއް. އަދި އިންޑިއާ މާކެޓް ވެސް ގްރޯތު ވެފައި ހުރިވަރު އަޅުގަނޑުމެންނަށް އެބަފެނޭ،" އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރެވަލް އެލާޓާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް މާބޮޑު އަސަރެއް ނުކުރާ ކަމަށެވެ.