18 Mar 2015, 16:14
އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު މުހައްމަދު އިންޑިއާ ސަރުކާރަށް ފަތްކޮޅު އަރުވައިފި އެވެ.
ދިއްލީގެ ރަސްތަޕަތީ ބަވަންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅި ސަފީރު އަހުމަދުގެ ފަތްކޮޅު އެރުވީ އިންޑިއާގެ ރައީސް ޕުރަނާބު މުކަރުޖީ އަށެވެ.
އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް އަހުމަދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު މުހައްމަދު، މި ސަރުކާރުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބަދަލުކުރެއްވީ މިނިސްޓަރު ފެންވަރުގަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ވެސް ބަދަލުކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގަ އެވެ.