ނުރައްކާތެރި ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް، ދޫނިދޫން ގޭބަންދަށް އެއްކޮށް ބަދަލުކުރުމުގެ ހުއްދަ ފަނޑިޔާރުން ދެއްވައިފި އެވެ.

ނާޒިމް ގޭބަންދަށް ބަދަލުކުރުމަށް ފަނޑިޔާރުން ހުއްދަ ދެއްވީ އޭނާގެ ސިއްހީ ހާލުކޮޅުހުރިގޮތުން، ނާޒިމްގެ ގާނޫނީ ވަކީލުން އޭނާ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދުމުންނެވެ.

ނާޒިމް ދޫނިދޫއިން ގޭބަންދަށް ބަދަލުކުރުމަށް އެދުމާ ގުޅިގެން ފަނޑިޔާރުން ދައުލަތުގެ ވަކީލުންގެ އިއުތިރާޒެއް ވޭތޯ ސުވާލު ކުރުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެބޭފުޅުންގެ "އެއްވެސް އިއުތިރާޒެއް ނެތް" ކަމަށެވެ.

މިއަދު 11 ޖެހި އިރު ފެށިގެން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ގޭބަންދަށް ބަދަލުކުރުމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން އެދުމުން ފަނޑިޔާރުން ވަނީ ނާޒިމްގެ ސިއްހީ ހާލުކޮޅު ހުރިގޮތް ކުރުގޮތަކަށް ކިޔާ ދިނުމަށް އެދިފަ އެވެ. ނަމަވެސް ނާޒިމް ވިދާޅުވީ އޭނާގެ ސިއްހީ ހާލަތު މީޑިއާގެ

ކުރިމަތީގައި ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

ފަޑިޔާރުން ވިދާޅުވީ ނާޒިމް ގޭބަންދަށް ބަދަލުކުރި ނަމަވެސް ޝަރީއަތަށް ނުފޫޒު ފޯރާފަދަ އެއްވެސް އަމަލެއް އޭނާގެ ފަރާތުން ފެނިއްޖެ ނަމަ ބަންދުގައި ބަހައްޓާތަން ބަދަލު ކުރާނެ ކަމަށެވެ. އަދި ގޭ ބަންދުގައި ހުރިނަމަވެސް ފުލުހުންގެ އަމުރަށް ކިޔަމަން ވާން ޖެހޭނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ފަނޑިޔާރުން ވިދާޅުވީ، ނާޒިމް މީގެ ކުރިން ގޭ ބަންދަށް ބަދަލުކޮށްފައިވީ ނަމަވެސް އެކަން ފަނޑިޔާރުންނަށް އެނގިފައި ނުވާ ކަމަށާއި، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައެއް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި މީހަކު ގޭބަންދަށް ބަދަލު ކުރާނަމަ އެކަން ފަނޑިޔާރުންނަށް އެނގުން މުހިންމު ކަމަށެވެ.

ސިއްހީ ހާލުކޮޅު ހުރިގޮތުން ސިއްހީ ފަރުވާއަށް މީގެ ދެދުވަސް ކުރިން ނާޒިމް ވަނީ 24 ގަޑިއިރަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ.