19 Feb 2011, 11:56
އަންނަ ރިޔާސީ އިންތިހާބާމެދު ވިސްނުމުގެ ބަދަލުގައި، އިދިކޮޅު ފަރާތްތައް ވާހަކަ ދައްކައިގެން ރައީސް ނަޝީދުގެ ވެރިކަން ވީހާވެސް އަވަހަކަށް ބަދަލުކޮށް ނަޝީދުގެ "ގޭންގް"ގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކުރުމަށް ޑރ. މުހައްމަދު މުނައްވަރު ގޮވާލައްވައިފި އެވެ.
ރޭޑިއޯ ޗެނަލް ދި އެފްއެމް "ވަންޓުވަން" ޕްރޮގްރާމްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، ގައުމުގެ ކަންކަން ހިންގަން ރައީސް ނަޝީދު ހަވާލު ކުރައްވާފައިވަނީ އެއްވެސް ގާބިލްކަމެއްނެތް ބަޔަކާ ކަމަށެވެ.
"2013 އަންނައިރު ވަރަށް ގިނަ ކަންތައް ކުރަން އެބަހުރި، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުކަމަށް ވިޔަސް، ޔާމީންކަމަށް ވިޔަސް ތަސްމީން ކަމަށް ވިޔަސް، އަދި ގާސިމް އިބްރާހިމް ކަމަށް ވިޔަސް ވިސްނަންވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާނީތޯ ނޫންތޯ އެކަން ކަމަކަށް ނޫން، ގައުމަށްޓަކައި އަޅުގަނޑުމެން އެންމެން ވާހަކަ ދައްކައިގެން ނަޝީދުގެ ގޭންގްގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކުރަން ވިސްނުން ބައްޓަން ކުރުމަށް،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. މުނައްވަރު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ، ގާސިމް އިބްރާހިމާއި ޑރ. ހަސަން ސައީދާއި އިބްރާހިމް އިސްމާއީލާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާ އެއްބައިވެ ވަޑައިގެން ވެރިކަން ކުރައްވާނެކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވައިލައްވައިގެން ކަމަށެވެ. ނަމަވެސް މުނައްވަރު ތުހުމައްތު ކުރެއްވެވީ ގާބިލްކަމަށް ނުބައްލަވައި ކުރެވޭ ނުކުރެވޭ މަސައްކަތަކަށް ނުބައްލަވައި އަދި ތިބޭ ހާލަތަށްވެސް ނުބައްލަވައި ރައީސް ނަޝީދު، އޭނާގެ ސިޔާސީ އެކުވެރިންނާއި ބާރުދޭންތިބި މީހުންނަށް، ދައުލަތުގެ ފައިސާ ބައްސަވަމުން ގެންދަވާ ކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ، ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާ، ނަޝީދުގެ ސަރުކާރުގައި ކެބިނެޓެއްނެތް ކަމަށާއި މިހާރު ވެސް ގިނަ މިނިސްޓްރީތަކެއް ހުހަށް އޮތްއިރު އަބަދުވެސް ކެބިނެޓްގައި ތިއްބަވަނީ ފަސްވަރަކަށް ބޭފުޅުން ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ އޮޑިޓަރޖެނެރަލެއް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާފައި ނުވަނީ، ނާޖާއިޒު ގޮތުގައި ބަހަމުންގެންދާ ދައުލަތުގެ ފައިސާއަށް ފާރަވެރިވެދާނެތީ ކަމަށެވެ.
ރައީސް މައުމޫން ސަރުކާރުގެ ބަންޑާރަ ނައިބު ކަމާއި އެމްޑީޕީގެ ރައީސްކަން ކުރެއްވެވި ޑރ. މުނައްވަރު ވިދާޅުވީ، ރައީސް ނަޝީދާ ހިލާފަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވެރިކަން ކުރައްވާފައިވަނީ، ގާބިލް ޓީމަކާއެކު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް މައުމޫނުގެ 30 އަހަރުވީ ވެރިކަމުގައި ގައުމަށް އައިސްފައިވާ ކުރިއެރުން ތަކަކީ ތައުރީފު ހައްގު ކުރިއެރުންތަކެއް ކަމަށާއި ބައިނަލް އަގްވާމީ ފަރާތްތަކުންވެސް އެކަން ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރުމުގެ ހަރަކާތުގައި އޭނާ ބައިވެރިވެވަޑައިގެންނެވީ، އެ ވެރިކަމުގައި ބައެއް ކަންތައްތައް ލިމިޓްވެގެން ދިއުމުގެ ސަބަބުން ކަމަށެވެ.