އޮލިމްޕިކް ސޮލިޑެރިޓީ ސްކޮލާޝިޕްތަކުގެ ދަށުން ކޯޗުންނަށް ހާއްސަ އިންޓަނޭޝަނަލް ކޯޗިންގް ކޯސް، (އައިސީސީ)ގައި ބައިވެރިވުމުގެ ފުރުސަތު ސްވިމިން އެސޯސިއޭޝަންގެ އެސްޑީޕީ ޕްރޮގްރާމްގެ ކޯޗް މަރިޔަމް ނަފްހާ އަލީއަށް ލިބިއްޖެ އެވެ.

ކޯޗް ނަފްހާއަށް އެކޯސް ދިންކަން ހާމަކުރަމުން މިއަދު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ނެރުނު ބަޔާނެއްގައި ބުނެފައި އެފަދަ ކޯސްތަކުގެ ބޭނުމަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް އިތުރަށް ތަރައްގިކޮށް ކުރިއެރުވުން ކަމަށެވެ.

އޭގެ އިތުރުން، އެ ކޯހުގެ ސަބަބުން ސްވިމިން އެސޯސިއޭޝަނަށާއި، ރާއްޖޭގައި ކުރިއަށް ގެންދާ ފެތުމުގެ އެކިއެކި ހަރަކާތްތަކަށް އެ ކޯހުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެމްއޯސީން މައުލޫމާތު ދިން ގޮތުގައި، އައިސީސީގެ ބޭނުމަކީ ކޯޗްކަން ކޮށްދިނުން އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ އިތުރުން، ކޯޗުކަމުގެ އުކުޅުތަކާއި ހުނަރުވެރިކަން ކޯޗުންނަށް ދަސްކޮށްދިނުމެވެ. އަދި ދެ ބަޔަކަށް ކުރިއަށް ގެންދާ އެ ކޯހުގައި ކުޅިވަރަށް ހާއްސަ ސެގްމަންޓަކާއި ޖެނެރަލް ސްޕޯޓްސްއަށް ހާއްސަ ސެގްމަންޓެއް ހިމެނޭ ކަމަށްވެސް އެމްއޯސީން މައުލޫމާތު ދެއެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ހުންނަ ސެމްމެލްވައިސް ޔުނިވާސިޓީގައި ކިޔަވަދޭ އެ ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 16 މާޗް އިން ފެށިގެން ޖޫން ފަހަކަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ.