ޓެރަރިޒަމްގެ ކުށުގައި ޖަލުގައި ބަންދުކޮށްފައި ހުރި ކުރީގެ ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކުރާ ކަމުގެ "އިތުބާހުރި" މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ. އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިމްތިޔާޒް ވިދާޅުވީ އެ މައުލޫމާތު މިހާރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށާއި އަދި ބޭރު ދުނިޔޭގެ ފަރާތްތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ.

"އެމަނިކުފާނު ދޫނިދޫ ޖަލުގައި ހައްޔަރުކުރެވިފައިވާ އިރުގައި ބަޔަކު ރާވައިގެން ދަންވަރުދަޅާގައި އެމަނިކުފާނު ކިޑްނެޕް ކުރުމުގެ ނޫނިއްޔާ އެބްޑަކްޓް ކުރުމުގެ މައުލޫމާތު [ވަނީ] ލިބިފައި،" އިމްތިޔާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސެކިއުރީޓީއެއްގެ ގޮތުގައި ހުންނަނީ އެންމެ މީހެއް ކަމަށް ބުނެ އިމްތިޔާޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައުމުން "އެ ސަބަބާ ހުރެ އެމަނިކުފާނު އަމިއްލަފުލަށް ދަންޖެހިވަޑައިގަތް ކަމަށް ބުނެ އެމަނިކުފާނު އަވަހާރުކޮށްލުމަށް ބަޔަކު ރާވައި އެގޮތަށް އަމަލުކުރުމަށް" މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީ އަށް އެ މައުލޫމާތު ލިބިފައިވާ ގޮތެއް އިމްތިޔާޒް ހާމަކޮޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެމްޑީޕީ ދައްކާ އެ ވާހަކަ އަށް ފުލުހުން ރަސްމީކޮށް ބަޔާނަކުން ޖަވާބު ދޭނެ ކަމަށެވެ.