ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން ލަންކާގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑު އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، އެ ދަނޑު ހުޅުވައިދެއްވަން އެ މަނިކުފާނު ޔޫތު މިނިސްޓްރީގެ ވަފުދަކާއެކު މާދަމާ ލަންކާއަށް ވަޑައިންނެވުމަށް ހަމަޖެހިފައި ވާކަމަށެވެ.

ލަންކާގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ހައި ކޮމިޝަން ކުރިން ހުރި ބިމުގައި މިހާރު ގާއިމްކޮށްފައިވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ)ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތާ ގުޅުވައިންނެވެ.

ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުމަށް ފަހު، ހުކުރު ދުވަހު ހަވީރު އެ ދަނޑުގައި އަންހެނުންނާއި ފިރިހެނުންގެ ހާއްސަ ފުޓްސަލް މެޗުތަކެއް ކުޅެން ހަމަޖެހިފައި ވެއެވެ. އެގޮތުން ކުޅެވޭ ފިރިހެން މެޗުގައި ހައި ކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ޓީމެއް ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، އަންހެން މެޗުގައި ބައްދަލުކުރާނީ އެމްއީސީސީ ބެލެނިވެރިންގެ ޓީމަކާއި، ހައި ކޮމިޝަންގެ ޓީމެކެވެ.

އެމްއީސީސީ އަކީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ކުރިން ހިންގި އިމާރާތް، ސޯސަންވިލާގައި ގާއިމްކޮށްފައިވާ ސެންޓަރެކެވެ. އަދި ގިނަ އަހަރުތަކަކަށް ފަހު މިދިޔަ އަހަރު އެތަން ތަރައްގީކޮށް، ރެކްރިއޭޝަނަލް ސެންޓަރެއްގެ ގޮތުގައި ހުޅުވާފައި ވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅު ޔޫތު މިނިސްޓްރީން ވަނީ އެތާނގައި ޒަމާނީ ފެންވަރުގެ ޖިމެއްވެސް ގާއިމް ކޮށްފައެވެ.