18 Mar 2015, 15:31
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސް އަހުމަދު ތޮލާލް ފުލުހުންގެ ބަޔަކާ ދިމާއަށް "ބާޢީންނޭ" ބުނި މައްސަލަ އިތުރަށް ނުބަލާން ފުލުހުން ނިންމައިފި އެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ފުލުހުންނާ ދިމާއަށް ތޮލާލް "ބާޣީންނޭ" ބުނި މައްސަލަ ފައިލް ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފައިލް ކުރީ އެހެން ބުނިކަން އަޑު އިވުނީ އެންމެފުލުހަކަށްވީމަ ކަމަށް ވެސް މިއަދުގެ ކޮމިޓީގައި ފުލުހުން ވަނީ ވިދާޅުވެފައި އެވެ.
މިއަދުގެ ކޮމިޓީއަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ އިތުރުން އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ހުސައިން ވަނީ ހާޒިރުކޮށް ސުވާލު ކުރައްވައިފައެވެ.
އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ހުސައިން މިއަދުގެ ކޮމިޓީގައި ވިދާޅުވީ، ކޮންމެތާކު ޑިއުޓީ އަދާ ކުރާ ފުލުހެއް ކަމުގައި ވިއަސް އެންމެހައި ފުލުހުންނަކީވެސް ގާނޫނީ ހުވައެއް ކުރައްވައިގެން ތިބި ބައެއް ކަމަށެވެ. އެހެންކަމުން ފުލުހަކު އެހެން ބުނާކަމަށްވާނަމަ، މައްސަލަ ތަހްގީގުކުރަން ޖެހޭނެކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މައްސަލައާ ގުޅޭ ގޮތުން އެޗްއާރްސީއެމްގެ މެމްބަރުން ވެސް މީގެ ކުރިން ހާޒިރުކޮށް ސުވާލު ކުރެވުނު ކަމަށެވެ.
މައުރޫފު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނާ ދިމާލަށް "ބާޣީންނޭ" ބުނިކަން ފުލުހުންނަށް ސާބިތު ކޮށްދެއްވިއްޖެނަމަ އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ތޮލާލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.