18 Mar 2015, 15:27
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ފަސިންޖަރުންނަށް ކަސްޓަމް ސްކޭން ކުރެވިގެން ލަގެޖް ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ދާދިފަހުން އެމަގާމާ ހަވާލުވެ ވަޑައިގެން 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް، އައްބާސް އާދިލް ރިޒާ ވިދާޅުވީ، މިމަހުގެ ތެރޭގައި ތައާރަފް ކުރުމަށް މަސައްކަތް ކުރާ، އެހިދުމަތާއެކު އޭގެ ފަހުން ފަސިންޖަރުންނަށް ފޮށިތައް ލިބޭނީ ކަސްޓަމްސް ޗެކް ކުރުމަށް ފަހު ކަމަށެވެ.
"ރާއްޖެއަށް އަންނަ ފަތުރުވެރިން، ބެލްޓުން އެއްޗެހި ނެގުމަށްފަހުގައި އަނެއްކާ ކަސްޓަމްސްގެ ސްކޭން މެޝިނަށް ލައިގެން އަނެއްކާ ފޮށި އުފުލައި ފޮށި ބާލައި މިކަންތައްކުރުން ހުއްޓުމަކަށް ނިމުމަކަށް ގެންނާނަން،" އައްބާސް ވިދާޅުވި އެވެ.
އެގޮތަށް ބަދަލުކުރުރުމުން ފަސިންޖަރުންނަށް ލަގެޖު ލިބޭއިރު އޭގައި ހުރީ ކޯއްޗެއްކަން ކަސްޓަމްސް އޮފިސަރުންނަށް އެނގޭނެ ކަމަށާއި އެގޮތަށް ބަދަލުކުރުމުން ކަސްޓަމްސް މުވައްޒަފުންނަށް ރަނގަޅަށް ޗެކް ކުރުމަށް ވަގުތު ލިބޭނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަސްޓަމްސް އޮފިސަރުންނަށް އެނގޭނެ އޭގައި ހުރީ ކޯޗެއްކަން، ދެން އެބޭފުޅުން އަމިއްލައަށް ޑިކްލެއާ ނުކުރަންޏާ ކަސްޓަމްސްގެ އޮފިސަރުން ވިދާޅުވާނެ އެބޭފުޅުން ރެޑް ޗެނަލްއަށް ވަޑައިގަންނަވަން، އޭރުން އެތަނުން ޗެކް ކުރެވިގެން އެބޭފުޅުންގެ ހާޒިރުގައި ފޮށިހުޅުވާ ޗެކް ކުރެވޭނީ،" އައްބާސް ވިދާޅުވި އެވެ.
ފަސިންޖަރުންނަށް މިހާރު ބޮޑެތި ދަތިކަމެއް ދިމާވާ އެމައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއެކު ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.